މިފަހަރު ވޯލްޑް ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުމާ ގުޅޭ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާއެކު ކުރެވުނު މަޝްވަރާ ގަތަރުން ކާމިޔާބުކޮށް، މިފަހަރުގެ ވޯލްޑް ކަޕް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެއްވެސް ސްޓޭޑިއަމެއްގައި ބަނގުރާ ވިއްކުމާއި ބުއިމަކީ މަނާ ކަމެއް ކަމުގައި ގަތަރުން މިރޭ އިއުލާން ކޮށްފިއެވެ.

ގަތަރުން ބޭނުންވި ގޮތަށް މަޝްވަރާތައް ނިމިގެން ދިޔުމާއެކު ހުޅަނގާއި އެމެރިކާގެ ބައެއް މީޑިޔާތަކުން ވަނީ މިކަމަށް ފާޑު ކިޔާފައެވެ. ހާއްސަކޮށް ބަނގުރާ ވިއްކަމުމަށް މަޝްހޫރު ކުންފުނިތަކުން ވަނީ ނުރުހުންފާޅުކޮށް ޓްވީޓް ކޮށްފައެވެ. މީގެ ތެރޭގައި 75 މިލިޔަން ޑޮލަރަށް ވޯލްޑް ކަޕުގެ ސްޕޮންސަރޝިޕް ހޯދާފައިވާ ބުޑްވެއިސަރވެސް ފާހަގަ ކޮށްލެވެއެވެ.

ގަތަރުން ވޯލްޑް ކަޕަށް ހާއްސަކޮށްފައިވާ ސްޓޭޑިއަމެއް. ފޮޓޯ: ޑޭވިޑް ރާމޮސް/ގެޓީ އިމޭޖަސް

"ބަނގުރާ ވިއްކުމާއި ގުޅޭ ގޮތުން ގަތަރުގެ ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާއިން މިނިމުނީ، ބަނގުރާ ވިއްކުމަށް ލައިސަންސް ދޫކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ބަނގުރާ ވިއްކޭނީ. މާނައަކީ ވޯލްޑް ކަޕް މިފަހަރު ކުޅުޅުމަށް ހަމަޖެހިފައިވާ އެއްވެސް ދަނޑަކުން ބަނގުރަލުގެ އެއްވެސް ބާވަތެއް ނުލިބޭނެއޭ" ފީފާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގަތަރުން ވޯލްޑް ކަޕް ބޭއްވުމުގައި އިސްލާމީ އުސޫލުތަކާއި ހިލާފް ނުވާ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް ވަނީ ތައުރީފް ހައްގު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ދިދައެއް ނުވަތަ އެނޫންވެސް އެއްޗެއް ގެންގުޅޭނަމަ އެފަރާތެއްގެ އަތުން އެއެއްޗެއް އަތުލާނެ ކަމަށް ގަތަރުން ވަނީ އިއުލާން ކޮށްފައެވެ.

ގަތަރުން ބުނެފައި ވަނީ ވޯލްޑް ކަޕް އޮންނަ 28 ދުވަހަށްޓަކައި ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ. ގަތަރުގެ ޖެހިލުން ކުޑަ ސިޔާސަތުގެ ސަބަބުން ހުޅަނގުގެ ނަޖިސް ވިސްނުމަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ގަތަރު ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގޮވަމުންނެވެ.