އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރަން ޖެހުނު ހޯސޭ ގަޔާގެ ބަދަލުގައި ބާސެލޯނާގެ އުއްމީދީދު ވާތު ބެކް އެލެހެންދްރޯ ބަލްޑޭއަށް ސްޕެއިނުގެ ކޯޗް ލުއިސް އެންރީކޭ މިއަދު ފުރުސަތު ދީފިއެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކޯވް ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ސީނިއަރ ޓީމުން ފުރުސަތު ހޯދަން ފެށި ބަލްޑޭ،19، މިހާތަނަށް އަދި ސްޕެއިން ސީނިއަރ ގައުމީ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެއެވެ. އެކަމަކު އޭނާ ވަނީ ސްޕެއިނުގެ އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅެފައެވެ.

ބަލްޑޭ ފާހަގަ ކުރެވެނީ ފިޒިކަލީ ވަރުގަދަ، ދުވެލި ބާރު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިސީޒަނުގައި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބަލްޑޭ ވަނީ ބާސާގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާ ދެކޮޅަށް އޭނާ ދެއްކި ކުޅުން ފާހަގަ ކޮށްލެވެއެވެ.

ސްޕެއިން ސްކޮޑުގައި ވާތު ބެކަށް ކުޅެން ހުރީ ބަލްޑޭގެ އިތުރުން، އޭނާއާއެކު ބާސާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޯޑީ އަލްބާއެވެ.

ބަލްޑޭ، ސްޕެއިން ސްކޮޑުގައި ހިމެނުމާއެކު އެންރީކޭ ބާސާއިން ސްޕެއިން ސްކޮޑަށް ނެގި ކުޅުންތެރިންގެ އަދަދު އަށަކަށް އެރީއެވެ. މަޝްހޫރު ސާޖިއޯ ރާމޮސް އާއި ކީޕަރު ޑޭވިޑް ޑެހެއާއަށް ސްޕެއިން ސްކޮޑުން މިފަހަރު ޖާގަ ދީފައެއް ނުވެއެވެ.