އާޖެންޓީނާއިން ރޭ ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް ބެލުމަށް ވަދެތިބި 400 ނޫސްވެރިންގެ ސަމާލުކަން ހުއްޓިފައި އޮތީ ސްޕަރ ސްޓަރ ލިއޮނަލް މެސީ ޕްރެކްޓިހުން ފެންނާނެ ވަގުތަކަށެވެ. އެކަމަކު ޕްރެކްޓިސް ސެޝަން ބެލުމަށް ނޫސްވެރިންނަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެން ދަނޑުން ނިކުންނަން ޖެހުނުއިރިވެސް ޕްރެކްޓިހުން މެސީގެ ހިލަމެއް ނުވިއެވެ.

ޕްރެކްޓިހުން މެސީ ނެފުނުމުގެ ސިއްރު ހޯދުމަށް 400 ނޫސްވެރިން ތެޅިގަތީ ދެނެވެ.

ރޭ އާޖެންޓީނާއިން ޕްރެކްޓިސް ކުރީ ދެސެޝަނަކަށް ބަހާލައިގެންނެވެ. ނޫސްވެރިން ވެއްދީ ފުރަތަމަ ސެޝަނަށެވެ. ޕްރެކްޓިހުގެ ފުރަތަމަ ސެޝަން ކުރިއަށް ދިޔައިރު މެސީ ހުރީ ފިޓްނަސްގެ "ހާއްސަ" ތަމްރީންތަކެއް ހެދުމަށް ޖިމްގައި ކަމަށް އާޖެންޓީނާގެ ނޫސްތަކުން ފަހުން ވަނީ ބުނެފައެވެ. ޖިމްގައި މެސީގެ އިތުރުން ތަޖުރިބާކާރު ވިންގަރ އެންހެލް ޑިމަރިއާ، ރޮޑްރިގޯ ޑިޕައުލް، ނިކޮލަސް އޮޓަމެންޑީ އަދި ލިންދްރޯ ޕަރެޑެސް އެވަގުތު މެސީއާއެކު ޖިމްގައި ހާއްސަ ޓްރެއިންގ ތައް ހެދުމަށް ތިބިކަމަށް ވެއެވެ.

އަނިޔާގެ ސަބަބުން އިއްޔެ ރޭ އާޖެންޓީނާ ދެކުޅުންތެރިން ސްކޮޑުން ވަކިކުރަން ޖެހުމާއެކު ހާސްވެފައި ތިބި އާޖެންޓީނާ އާއި މެސީގެ ސަޕޯޓަރުންނަށް ރޭ ހިތްހަމަ ޖެހުމެއް ލިބުނީ މެސީއަށް އަނިޔާއެއް ނުވާކަން ކަށަވަރު ވުުމުންނެވެ.

އާޖެންޓީނާ މިފަހަރު އޮތީ މެކްސިކޯ، ޕޮލެންޑް އަދި ސައުދީ އަރަބިއްޔާއާއެކު ގްރޫޕް "ސީ" ގައެވެ.