ކުރިން މިފްކޯއިން ހިންގަމުންދިޔަ 14 އައިސްޕްލާންޓަކާ ފެނަކައިން ހަވާލު ވުމަށްފަހު އެތަންތަނުގެ މުވައްޒަަފުން ތަމްރީން ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

އެކުންފުނީން އެ އައިސްޕްލާންޓުތަކާ ހަވާލުވީ 2022 ވަނަ އަހަރު ސެޕްޓެމްބަރ 22 ގައެވެ. އެ އައިސްޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ފެނަކަ އިންސްޓިޓިއުޓާ ގުޅިގެންނެެވެ. އެ ކޯހަކީ ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. އެ ކޯހުގައި 32 މުވައްޒަފުން ބައިވެރިވެރިވެއެވެ. ކޯސް ފަށައިފައިވަނީ މި ހިނގާ ނޮވެމްބަރ 14 ގައެވެ.

މި ކޯހުގެ މަގުސަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުރުން ކަމަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ. އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާތަނަށް އެއްވެސް ތަމްރީނެއް ރެފްރިޖެރޭޝަން ދާއިރާއިން ލިބިފައެއް ނުވެއެވެ. އެހެން ކަމުން އެކަމަށް ވެސް ނިމުން ގެނެސް ފެނަކައިން މިވަނީ އެ ދާއިރާއިން ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން މި ކޯސް ފަށައިފައެވެ.

މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަންގެ ސައިސަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެއެވެ. ކޮންމެ އައިސް ޕްލާންޓަކުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެންދާނެއެވެ. މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ. ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް އަކީ 07 އޮކްޓޯބަރ 2020 ވަނަ އަހަރު ވަރަށް މާތް މަޤްސަދެއްގައި އުފެދިގެން ދިޔަ އިންސްޓިޓިއުޓެކެވެ. މިގޮތުން ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ދަނީ ތަމްރީނު ކުރެވެމުންނެވެ. އަދި މިއަދާ ހަމަ އަށް 245 މުވައްޒަފުންނަށް ވަނީ ފެނަކަ އިންސްޓިޓިއުޓްއިން ކިޔަވަން ފުރުސަތު ލިބި ބައެއް މުވައްޒަފުން ވަނީ މިހާރު ނިމިފައެވެ. ފެނަކަ އިންސްޓިޓިއުޓް އިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާ ތަކުންނެވެ. މިގޮތުން މިވައްޒަފުން ބިނާކުރުމުގައި ފެނަކަ އިންސްޓިޓިއުޓްއިން ދަނީ ނަމޫނާ ދައްކަމުންނެވެ.