ފާއިތުވެދިޔަ 3000 އަހަރު ޔޫރަޕުން ކަންކޮށްފައިވަނީ ކުރިއަށް އޮތް 3000 އަހަރު އެކަމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުން ކިބައިން މައާފަށް އެދެން ޖެހޭފަދަ ގޮތަކަށް ކަމަށް ބުނެ ފީފާގެ ރައީސް ބަހުގެ ހަމަލާތަކެއް ޔޫރަޕުގެ ގައުމުތަކަށް މިއަދު ދީފިއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ގެ ބަހުގެ ހަމަލާތަކެއް ޔޫރަޕަށް އަމާޒު ކުރައްވާފައި މިވަނީ، ގަތަރުން އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަަށް ޔޫރަޕުގެ މީޑިޔާތަކުންނާއި އެކިއެކި ޖަމިއްޔާތަކުން މާވަރަކަށް ވާހަކަ ދައްކަމުން ދާތީއެވެ.
މީޑިޔާއާ ބައްދަލު ކުރައްވައި، މީޑިޔާއަށް ސުވާލު ކުރުމުގެ ފުރުސަތު ނުދެއްވައި އިންފަންޓީނޯ ވަނީ ގަޑިއެއްހައިރު ވޯލްޑް ކަޕާއި ގުޅޭގޮތުންނާއި ގަތަރުން ވޯލްޑް ކަޕަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އޭނާގެ ޝުއޫރުތައް ހާމަ ކުރައްވައިފައެވެ.
"އެހެން މީހުން އުޅެންވީ ގޮތް ކިޔައި ދިނުމުގެ ކުރިން ޔޫރަޕުން ކުރަންވީ ކަމަކީ ފާއިތުވެދިޔަ 3000 އަހަރު ޔޫރަޕުން، ހުޅަނގުގެ ގައުމުތަކުން ގެންގުޅެފައިވާ ނަސްލީ ތަފާތު ކުރުމާއި އެހެން އިންސާނުންނަށް އެމީހުން (ޔޫރަޕިއަނުން) މަތިވެރި ކަމަށް ގަބޫލްކޮށްގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން، ކުރިއަށް އޮތް 3000 އަހަރު އެހެން އިންސާނުންގެ ކިބައިން މައާފަށް އެދުން" އިންފަންޓީނޯ ވިދާޅުވިއެވެ.
"މިއަދު އަހަންނަށް އިހްސާސް ވަނީ އަހަންނަކީ ގަތަރީއެއް ކަމަށް، އަރަތްބެއްކަމަށް އަދި އެފްރިކާ ރައްޔިތެއް ކަމަށް" ސްވިޒަލޭންޑަށް އުފަން އިންފަންޓީނޯ ވިދާޅުވިއެވެ.
ޔޫރަޕަށް ނިސްބަތްވާ ގައުމުގެ ތަކުގެ ބައެއް ކުޅުންތެރިންނާއި ބޮޑެތި މިޑީޔާތަކުން ގަތަރަށް ފާޑު ކިޔަމުންދަނީ، ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުމާއި ބުއިމާއި އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ދިދަ އާއި ބެނާ އާއި އެހެނިހެން އާލަތްތައް ގެންގުޅުން މަނާ ކުރުމުންނެވެ. އަދި ގަތަރުގައި ވޯލްޑް ބެލުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި އައުރަ ނިވާ ނުވާވަރުގެ ހެދުން އެޅުމާއި ބަދްއަހްލާގީ އަމަލު ހިންގަން ފުރުސަތު ނުދޭނެކަމަށް ގަތަރުގެ އިދާރާތަކުން ހާމަ ކުރުމާއި ގުޅިގެންނެވެ.
އޭގެ ބަދަލުގައި، ސްޓޭޑިއަމްތަކާއި ވޯލްޑް ކަޕް ބެލުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދުތަކުގައި ނަމާދު ކުރެވޭނެ ފަސޭހަ އިންތިމާޒް ތަކާއި މަގުތަކާއި ގޯޅިތަކުގައި ކީރިތި ރަސޫލާގެ ހަދީޘްފުޅުތައް ދައްކުވައިދޭ ރީތި ބޯޑުތަކުން ވަނީ ޒީނަތްތެރި ކޮށްފައެވެ.
ތިން މިލިޔަނެއްހައި ރައްޔިތުން ދިރިއުއޭ ގަތަރުން، ޔޫރަޕާއި ހުޅަނގުގެ ނަޖިސް ވިސްނުމާ ދެކޮޅަށް އިސްލާމީ ޝިއާރު މަތިވެރިކޮށް ވޯލްޑް ކަޕް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކަށް މުސްލިމް ދުނިޔޭގެ ތައުރީފް ދަނީ އޮހެމުންނެވެ.