ދިވެހި ޝެފުން ނުވަތަ ކައްކާއިން ކެއްކުމުގެ ދާއިރާއަށް ނުކުމެ، ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދީފި ކަމަށްވާނަމަ ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފަންވުމުގެ ފުރުޞަތު އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެފަދަ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި ހުންނާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. ދިވެހީންނަށް އެކަން އެގޮތަށްވާނޭ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚު ބުނާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ މުބާރާތްތަކުގައި، ދިވެހި ޝެފުން ބައިވެރިވެ، އެ ހޯދާ ރަން ވަނަތަކަކީ، މި ދެންނެވި ޤާބިލްކަން ދިވެހިންގެ ކިބައިގައި ހުރިކަމުގެ ހެއްކެއް. ބޭނުންވަނީ އެކަމުގައި އިސްނަގާނެ ދިވެހި ޝެފުން. މިރޭ އެވޯޑް ޙާޞިލްކުރެއްވި ބޭފުޅުންގެ ކިބައިގައި، އެ ހުނަރާއި ފަންނު ހުންނާނެކަން އަޅުގަނޑަށް ހަމަ ޔަޤީން،" ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022" ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ރޭ ތައާރަފުކުރި ފުރަތަމަ އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ދެއްވާ ހުރިހާ ޝެފުންވެސް އެ ކަމާ ދޭތެރޭގައި ވިސްނުން ހިންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އެފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖިއްޔާ އެއީ، ޤައުމަށް ލިބޭ ވަރަށް ރީތި ނަމަކަށް ވާނެ. އަދި ދިވެހި ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވެސް ވާނެ. އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއްވެސް އޮންނާނެ. މިއީ އަޅުގަނޑު ހިތުން ކުރަން ހަމަ ވަރަށް ރަނގަޅު ކަމަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.

ދިވެހި ޝެފުންގެ އެފަދަ އިސްނެގުމަކަށް އިސްނަގާނޭ ދުވަހަކަށް އެމަނިކުފާނު ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ކަންވަރަށް އަވަހަށް ހާސިލް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅޅުވިއެވެ.