ރޭ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމާއި ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް ގެއްލިއްޖެއެވެ.

ފްރާންސުން ރޭ ކުރިއަށް ގެންދިޔައީ ފުލް ޓްރެއިނިންއެކެވެ. މިއީ ވޯލްޑް ކަޕުގައި ވާދަ ކުރުމަށް ގަތަރަށް ފްރާންސް ގައުމީ ޓީމު ދިޔަފަހުން ފުލް ޓްރެއިނިންގއެއް ކުރިއަށް ގެންދިޔަަ ފުރަތަމަ ފަހަަރެވެ.

އެމްއާރުއައި ރިޕޯޓްތަކުން ދައްކަނީ ބެންޒެމާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރިކަވަރ ވުމަށް ތިންހަފްތާއެއްހައި ދުވަސް ނަގާނެ ކަމަށެވެ. ބެންޒެމާ މިފަހަރު ފްރާންސް ސްކޮޑަށް ނެގިއިރުވެސް އޭނާ ހުރީ މުޅިން ފިޓްކޮށެއް ނޫނެވެ. ބެންޒެމާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ފުރަތަމަ އަނިޔާވީ މިދިޔަ އޮކްޓޫބަރު މަހު ރެއާލްއަށް ކުޅެނިކޮށެވެ. އޭގެ ފަހުން ރެއާލް މެޑްރިޑުން އޭނާގެ ބޭނުން ހިފާފައި ވަނީ އެޓީމުން ކުޅުނު 6 މެޗުގެ ތެރެއިން އެންމެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގައި ތިރީހަކަށް މިނެޓަށެވެ.

ބެންޒެމާގެ ބަދަލުގައި ފްރާންސް ސްކޮޑުން ޖާގަ ދޭނީ ކޮން ކުޅުންތެރިޔަކަށް ކަމެއް ކޯޗް ޑިޑިއަރ ޑޯޝެމްޕް އަދި ބުނެފައެއް ނުވެއެވެ. އަނިޔާ ވެގެން ސްކޮޑުން ބާކީ ކުރާ ކުޅުންތެރިންގެ ބަދަލުގައި މާދަމާގެ ނިޔަލަށް ސްކޮޑަށް ކުޅުންތެރިން އިތުރު ކުރެވޭ ގޮތް ފީފާއިން ވަނީ ހަމަޖައްސައި ދީފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އެންމެފަހުން ހޯދި ބެންޒެމާއަށް އަނިޔާވެ ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރަން ޖެހުން ވެގެންދާނީ ފްރާންސަށް ފޫބައްދަން އުނދަގޫ ވާނެ މައްސަލައަކަށެވެ.

ތަށި ދިފާއު ކުރަން ނިކުންނައިރު ފްރާންސަކީ މިފަހަރު އަނިޔާގެ މައްސަލަތައް އެންމެ ބޮޑަށް ދިމާވި ގައުމެވެ. އެންގްލޯ ކަންޓޭ އާއި ޕައުލް ޕޮގްބާ އާއި ކިމްޕައްބައްޕޭ އަދި އެންކުންކު އަނިޔާގެ ސަބަބުން ފްރާންސް ގައުމީ ޓީމުން މިފަހަރު ނުފެންނާނެއެވެ.