މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އިން މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.
އެޕާޓީ ވުޖޫދުވިތާ ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާޓީ އުފެދިގެން އައީ ޤައުމުގައި އިސްލާހީ މުހިންމު ހަރަކާތްތަކެއް ހިނގަމުންދިޔަ ދުވަސްވަރެއްގައި ނުވަތަ އެފަދަ ހަރަކާތްތަކެއްގެ ތެރެއިންކަމަށެވެ. އެހެން ކަމުން ޕާޓީގެ އެންމެ މުހިންމު އަަސާސެއް ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.
ޤައުމީ މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްތައް ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ. ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، ޢަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ވެސް އެޕާޓީގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް ބުނެފައިވެެއެވެ.
އެމްއާރުއެމްގެ ތިންވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ވަނީ ޕާޓީގެ ރޫހު ކަމަށްވާ މެންބަރުންނަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވައިފައެވެ، އެޕާޓީގެ ހިންގުމުގައި އިސްދައުރެއް އަދާ ކުރާ އެގްޒެކެޓިވް ކޮމިޓީއާއި، އަންހެނުންގެ ކައުންސިލާއި ޒުވާނުންގެ ކައުންސިލާއި ކޮމިޓީތަކުގެ ހީވާގި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.