ވޯލްޑް ކަޕްގެ ތަށި އިންގްލެންޑުން މިފަހަރު ހޯދައިފިނަމަ، ކޮންމެ ކުޅުންތެރިއަކަށް ބޯނަހުގެ ގޮތުގައި 500،000 ޕައުންޑް ދޭނެކަމަށް އިނގިރޭސި އެފްއޭއިން ކުޅުންތެރިންނަށް އަންގައިފިއެވެ.
ދިވެހި ރުފިޔާއިން ބަލާނަމަ މިއީ ކޮންމެ ކުޅުންތެރިޔަކަށް ނުވަ މިލިޔަން އެއްލައްކަ އަށާރަހާސް ހަތްސަތޭކަ ސާޅިސް ތިން ރުފިޔާއެވެ.
އިނގިރޭސިންނަށް ޗެމްޕިއަންކަން ހޯދައި ދީފިނަމަ ކޯޗު ގެރެތް ސައުތްގޭޓަށް އޮތް އިނާމްވެސް ކުޑައެއް ނޫނެވެ. އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ އިނގިރޭސިންނަށް ވޯލްޑް ކަޕް ޗެމްޕިއަންކަން މިފަހަރު ސައުތު ގޭޓް ހޯދައި ދީފިނަމަ، ތިން މިލިއަން ޕައުންޑުގެ ބޯނަސްއެއް އޭނާއަށް ދޭނެ ކަމަށެވެ. މިހާރު އޭނާގެ މުސާރައަކީ އަހަރަކަށް 6 މިލިޔަން ޕައުންޑެވެ.
އިނގިރޭސިންނަށް މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އެކަންޏެވެ. އޭގެފަހުން ވޯލްޑް ކަޕުގެ ފައިނަލަކަށްވެސް ދެވިފައެއް ނުވެއެވެ.
ވޯލްޑް ކަޕުގައި މިފަހަރު އިނގިރޭސިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު 18:00 ގައި ނިކުންނާނީ ސިޔާސީ ގޮތުން ވާދަވެރި އިރާނާ ދެކޮޅަށެވެ.