ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާުވެފައިވަނީ އެވާހަކަ ދައްކާ މީހުން އެގޮތަށް ވާހަކަ ފަތުރަނީ ސިޔާސީ އެކި ބޭނުމުގައި ކަމަށެވެ. އޭގެ އިތުރުން ސަރުކާރު ބަލިކަށިކޮށްލުމަށާއި މިހާތަނަށް ސަރުކާރަށް ދިމާވި ދަތި އުނދަގުލާއެކުވެސް, ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމަކީ ވެސް އެފަދަ މީހުންގެ ބޭނުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަމަށް ރައްދު ދެއްވައި މިނިސްޓަރ ވިދާުވެފައިވަނީ "މާތްالله ގެ އިރާދަފުޅާއެކު, ކޮވިޑުންވެސް އަރައިގަނެވިއްޖެ ކަމަށެވެ. އަދި އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށް ވެސް ވިިދާުވެފައިވެއެވެ. "2020 ވަނައަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ،" ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ ދަތިކަންކަމުން އަރައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. "އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ދަތިތަކާއި ގޮންޖެހުންތަކާ އެކުވެސް, ސަރުކާރުން ގެންދަވަނީ އެ ގޮންޖެހުންތައް ގިރާކުރަމުން ކަމަށެވެ. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް. މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް،" މިނިސްޓަރ ވިދާޅުވެފަައިވެއެވެ.