މަސްތުވާ ތަކެއްޗާއެކު ކަރެކްޝަންސްގެ އޮފިސަރަކު އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު އަހުމަދު މުހައްމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ އޮފިސަރު އަތުލައިގެންފައިވަނީ ދިވެހި ފުލުހުންނާއި ކަރެކްޝަނާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ މަނާތަކެތި ޖަލަށް ވައްދާ ކަމަށް ޝައްކުކުރެވިގެންނެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް އޮފިސަރު މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އަދި އޭނާ މިހާރުވަނީ ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައި ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.

"ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި،" ކޮމިޝަރު ވިދާޅުވެފައިވެއެވެ.