ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފައިވާ ނިޝާން ދިޔަމިގިލީ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަންނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަ ވެއްޖެއެވެ. އެކަމަނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް އިއްޔެ އެވެ. އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.

ހަބީބާއަކީ ދިވެހު އަދަބީ އުދަރެހުގައި އަލިގަދަ ތަރިއެކެވެ. ދިވެހި ބަހަށް ގިނަގުނަ ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ތަރުޖަމާ ކުރުމުގެ ފަންނުގައި ކުޅަދާނަ ބޭފުޅެކެވެ. އެކަމަނާގެ ތަރުޖަމާކުރެއްވި އެތައް ފޮތެއް ވެއެވެ. އެކަމަނާއަކީ އަވަށްޓެރި އިންޑިއާއި އަދި ސްރީލަންކާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާގެ ޚިދުމަތް 50 އަހަރަށް ސަރުކާރަށް ލިބިވަޑައިގެންފައިވެއެވެ. އެންމެ ގިނަދުވަހު މަސައްކަތް ކުރެއްވީ ގައުމީ ކުތުބުޚާނާ ހިންގެވުމުގައެވެ.

ހަބީބާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ އެކި އިނާމުތަކާއި އެވޯޑުތައް ވެސް ދެއްވައިފައެވެ.