ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް ކަމަށްވާ "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކޮށްފައިވާ ފާތިމަތު ޔުމްނާ އާތިފަށް މިއަދު އެ ބެޖް ހަވާލުކޮށްދެއްވައިފިއެވެ. އޭނާއާ އެ ބެޖު ހަވާލުކޮށްދެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިރަސްމިއްޔާތުގައި، ޗީފް ގައިޑް، ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު އަލީ އާއި ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީގު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްްމިއްޔާތުގައި ރައީސް ވަނީ ފާތިމަތު ޔުމްނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ބެޖް ޙާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ވެސް ކުރެއްވިއެވެ. ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތަޢާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރެވެ. މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާޞިލްކުރި ފުރަތަމަ ފަހަރެވެ. ފާތިމަތު ޔުމްނާ އަކީ ބ އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެހެން ކަމުން ފާތިމަތު ޔުމްނާ އެވަނީ އެސްކޫލަށް ވެސް ފަޚުރުވެރި ޝަރަފެއް ހޯދައިދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ޙާސިލްކޮށްފައެވެ.