ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "ސީ" ގައި ސްޕަރ ސްޓަރ ލިއޮނަލް މެސީގެ އާޖެންޓީނާ 1-2 އިން ބަލިކޮށް ސައުދީ އަރަބިއްޔާއިން ދުނިޔެ ހައިރާން ކޮށްލައިފިއެވެ.
މިއާއެކު އާޖެންޓީނާއިން ބަލިނުވެ ދަމަހައްޓަމުން ދިޔަ 36 މެޗުގެ ސިލްސީލާވެސް ނިމުނީއެވެ.
ގަތަރު ގަޑިން މިއަދު މެންދުރު ފަހު 1:30 ގައި އަލްބައިތު ސްޓޭޑިއަމްއށް ވަދެތިބި ފަސްދޮޅަސްހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން މެސީ ކާމިޔާބުކޮށް އާޖެންޓީނާއަށް ލީޑް ނަގައިދިނެވެ.
އަދި އޭގެ ފަހުން ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ އެއްލަނޑު އަދި ލައުރާޓޯ މާޓިނޭޒް ދެލަނޑު ޖެހިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މިތިންލަނޑުވެސް އޮފްސައިޑް ކަމަށެވެ.
ދެވަނަ ހާފް ސައުދީއަށް ފެށުނީ ވަރަށް ނަސީބު ރަނގަޅު ކޮށެވެ. މެޗް ފަށައިގެން ދެވަނަ މިނެޓުގައި ސާލިހް އަލްޝެހްރީގެ ލަނޑުން ސައުދީން ނަތީޖާ ހަމަހަމަކޮށް އާޖެންޓީނާ ޕްރެޝަރަށް ވައްޓާލިއެވެ. އާޖެންޓީނާ ޓީމު ވަރުބަލިވެފައި އޮތުމުގެ ފައިދާ ނަގައި ސައުދީން އަވަސް އެޓޭކްތަކެއް ކުރަން ފެށިއެވެ. ސައުދީގެ ދެވަނަ ލަނޑު އޭގެ ދިހަ މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ ސަލީމް އަލްދައުސަރީއެވެ.
ސައުދީން ލީޑް ނެގުމުން ޕްރެޝަރުގައި ކުޅެމުންދިޔަ އާޖެންޓީނާއިން މެޗުގެ ފަހު ވިއްސަކަށް މިނެޓު ތެރޭގައި މެޗް ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެކަމަކު ސައުދީގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު އޮލުވައިސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ފާހަގަ ކޮށްލެވޭ ކަންތައްތައް:
* މިއީ 1958 ވަނަ އަހަރު ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ޖަރުމަނު އަތުން ބަލިވިފަހުން، ވަރލްޑް ކަޕް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުަގައި އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރު.
* މިއީ ވަރލްޑް ކަޕުގެ ތާރިހުގައި އޭޝިޔާގެ ޓީމެއް އަތުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރު.
* އެންމެފަހުގެ 3 ވަރލްޑް ކަޕަށް ބަލާއިރު، އާޖެންޓީނާ ބަލިކުރާ ގައުމެއް ވަރލްޑް ކަޕް ފައިނަލުގައި ކުޅެފައިވޭ (މީގެ ތެރެއިން 2014 ވަނަ އަހަރު ޖަރުމަނު ޗެމްޕިއަންކަން ހޯދި).
މިގްރޫޕުގައި ދެން ހިމެނެނީ މެކްސިކޯ އާއި ޕޮލެންޑެވެ. މިދެގައުމު މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ބައްދަލު ކުރާނެއެވެ.