އައްޑޫސިޓީއާއި މާލޭސިޓީގެ އިތުރުން ކ، ގުރައިދޫގައި ކުރިއަށް ގެންދިޔަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެއަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރެވިދާނޭ މާއްދާތަކެއް ފެނިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުންގެ ގެ ތަކާއި، ވެހިކަލްތަކާއި، ޑީންގީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ބެލި ބެލުމުން މައްސަލައާ ގުޅުންހުރި ސާމާނުތަަކެއް ފެނިފައިވާ ކަމަށެވެ.
ބާރުގަދަ ގޮވުންތަކުގައި ބޭނުންކުރެވިދާނޭ ކެމިކަލްކަމަށް ބެލެވޭ ތިން ބާވަތެއް އެ މައްސަލާގައި ހައްޔަރުކުރީ މީހެއްގެ ގެއިން ފެނިފައިވާ ކަމަށާއި އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) އިން އެ ތަހުލީލު ކުރުމުން އެއީ ހައި އެކްސްޕްލޯސިވް މާއްދާތައް ހިމެނޭ އެއްޗެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ މަދު އެތިކޮޅަކުން އިންސާނުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ވެދާނެކަމަށް އީއޯޑީން ބުނެފައިވާ ކަމަށް ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ. އުމުރުން 19 އަހަރާއި 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހައިދީފައެވެ. އުމުރުން 20 އަހަރާއި 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ.
މި މީހުންގެ ތެރެއިން 9 މީހަކު ހައްޔަރު ކޮށްފައިވަނީ އައްޑުއިންނެވެ. މާލެއިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ގުރައިދޫއިން އިން ވެސް ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެންމެނަކީ އައްޑުއަށް ނިސްބަތްވ ދިވެހި ފިރިހެނުންނެވެ. އެ މީހުން މަސައްކަތް ކޮށްފައިވަނީ އިސްލާމިކް ސްޓޭޓާ ގުޅިގެން ރާއްޖޭގައި ވަރުގަދަ ގޮއްވާލުމެއް ގޮއްވާލުމަށް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.