އިންސާނީ ޙައްޤުތަކާއި، ޑިމޮކްރެސީއަކީ ހުޅަނގުން އުފަންކޮށް ދަމަހައްޓާ އެއްޗެއް ކަމަށް ބުނެ ތާއަބަދު އެކަމަށް ދަޢުވާކޮށް، އަދި އެހެން މީހުންނަށް އަނިޔާވެރިވުމާއި، ކެހިދިނުމާއި، ހޭރުވުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި މި ކަންކަން ނަގައިގެން ވާހަކަދައްކާ ހުޅަނގު ޔޫރަޕުގެ ޤައުމުތަކުގެ މުނާފިޤުކަން، 2022 ގެ ވޯލްޑްކަޕްގެ ޙަރަކާތްތަކާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ފާހަގަ ކުރެވިއްޖެއެވެ.

2022 ގެ ވޯލްޑްކަޕް ޤަޠަރުގައި ބާއްވަން ކަނޑައެޅި ހިސާބުން ފެށިގެން، އެ ނިންމުން ބަދަލުކުރުމަށް ހުޅަނގުގެ ފިއްތުންތަކަށް ނުކުޅަދާނަވާ ހިސާބަށް ދިއުމާ ހަމަޔަށް، ޤަޠަރުން ގެންގުޅުނީ ހުޅަނގާ ގާތްކަން އޮތްކަން ދައްކައިދޭ ސިޔާސަތްތަކެކެވެ. ނަމަވެސް އޭގެ ފަހުން، ޤަޠަރުން ދެއްކީ ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ ސިޔާސަތްތަކެކެވެ. އޭގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނުގެ ޙުދޫދުތައް ދިފާޢުކޮށް ދެމެހެއްޓުމުގައި ހުޅަނގަށް ބޯލެނބުމެއް ނެތްކަން އަންގައިދިނުމުގެ ސިޔާސަތްތައް ވެސް ހިމެނެއެވެ. މި ސިޔާސަތްތައް، ޔޫރަޕްގެ ކިބުރުވެރިންނަށް ހަޖަމު ނުކުރެވުނަސް، އެންމެ ފަހުން ޖެހުނީ އެއާ އެއްކޮޅަށް ދީލައިލާށެވެ.

ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތަކުގައި ބަނގުރާ ބޭނުން ނުކުރެވޭނެ ކަމާއި، ނިވާކަންކުޑަ ހެދުން އަޅައިގެން އެ ތަންތަނަށް ނުވަދެވޭނެކަން ޤަޠަރުން އެންގި އެވެ. އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ އެކަން އޯކޭކަމަށް ބަލައިގަތުމަށް ބޭނުން ކުރަމުން އައި ޝިޢާރުތަކާއި ނިޝާންތަކާއި ކުލަބަރިތައް ބޭނުން ކޮށްގެން ނުވާނެކަމަށާއި، އެންމެ 28 ދުވަހުގެ ކުޅިވަރު ޢީދަކަށްޓަކައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލްތަކާއި، ޤަޠަރުގެ ޒަމާންވީ ޤައުމީ ސަގާފަތް ޤުރުބާން ނުކުރާނެކަން ކަނޑައެޅިގެން އެންގި އެވެ.

ޤަޠަރުން އެޅި މި ފިޔަވަޅުތަކަށް ރުޅިއައިސް ފުފިގެން ތިބެ ނަމަވެސް އެއާ އެއްގޮތަށް ޢަމަލުކުރުމަށް ހުޅަނގު ޔޫރަޕުގެ ޤައުމުތަކުން ނިންމީ އެ ނޫން އެހެން ގޮތެއް ނެތިގެންނެވެ. ޤަޠަރުން ވޯލްޑްކަޕަށް ވީ ތައްޔާރީތަކާއި، ފުރިހަމަކުރި އިޖްރާއާތްތަކުގައި އެއްވެސް އުނިކަމެއް ކޫރުމެއް ނެތެވެ. އެ އިވެންޓް ކެންސަލް ކުރުމަށް ބާރުލިބޭނޭ ޤާނޫނީ އެއްވެސް ހެއްކެއް ހުޅަނގަށް ނުދެއްކޭނެ މިންވަރަށް ޤަޠަރުން ކަންތައްތައް ފުރިހަމަ ކުރިއެވެ.

ހުޅަނގަށް މި ފިލާވަޅު ނަގައިދިނުމަށް ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ވަނީ އެތަކެއް ރޭވުމެއް ރާއްވަވައި އެތަކެއް ބިލިޔަން ޑޮލަރެއް ޚަރަދު ކުރައްވާފަ އެވެ. ޤައުމުގެ އެތެރެއިން ރައްޔިތުންގެ ތާއީދާއި އެއްބައިވަންތަކަން އަމީރު އިންތިހާއަށް ހޯއްދެވި އެވެ. އަދި ހުޅަނގު ޔޫރަޕްގެ ހަސަދަވެރި ޤައުމުތައް ފިޔަވައި ހަމަހަމަކަމާއި އިންޞާފަށް ލޯބިކުރާ އެންމެންގެ ރުހުމާއި ތާއީދު އަމީރު ހޯއްދެވި އެވެ. ޤައުމުގެ ރައްޔިތުންނާއި އަވަށްޓެރި ޢަރަބި ޤައުމުތަކާއި އެހެނިހެން އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އަމީރު ހޯއްދެވީ، މި އިވެންޓަކީ އިސްލާމްދީނުގެ މަތިވެރި އުޞޫލްތައް ޕްރޮމޯޓްކުރާ އިވެންޓެއްގެ ގޮތުގައި ފެންނާނެ ކިތަންމެ ހެކިތަކެއް، އެތައް ގޮތަކުން، ފެންނާނެހެން ކަންކަން ތަރުތީބު ކުރައްވައި އެ ކަންކަން ތަންފީޒު ކުރައްވައިގެންނެވެ. ހުޅަނގަށް ގޮންޖަހައިލުމުގެ ހިތްވަރާއި ފަންވަރާއި ކެރުން ހުރި ޢަރަބި ލީޑަރެއްކަން ޢަމަލުފުޅުން ދައްކަވައިގެންނެވެ.

މި ކަންކަން ރޭކާލާން ފެށުމުން، ޔޫރަޕިއަނުންގެ ޢާންމު އުޞޫލާ އެއްގޮތަށް، ޤަޠަރު ސަރުކާރުގެ ސިޔާސަތްތަކާމެދު މީސްތަކުންގެ މެދުގައި ނަފްރަތްތެރިކަން އުފެއްދުމުގެ މުނާފިޤުކަމާއި ނަސްލީ ތަފާތުކުރުމުގެ ސިލްސިލާއެއް ފެށި އެވެ. ޤަޠަރަކީ އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ޤައުމެއް ކަމަށާއި، ޤަޠަރުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާމެދު އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބުނެގެންނެވެ. ޤަޠަރަކީ ޣައިރު ޤާނޫނީ ކަންތައްތަކަށް ޚަރަދުކުރާ އަޑިނުބައި ޤައުމެއް ކަމަށާއި، އެހެން ޤައުމުތަކާއެކު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ކޮރަޕްޝަން ހިންގާ ޤައުމެއް ކަމަށް ވެސް ބުނެގެންނެވެ. މި ކަންކަމަށް އެންމެ ބޮޑަށް އިސްނަގައި ވާހަކަ ދައްކަމުން ދިޔަ މީޑިއާތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ބީބީސީގެ އިތުރުން ފްރާންސްގެ ލެކަނާޑް އެންޝައިނޭ ފަދަ ނޫސްތައް ވެސް ހިމެނެ އެވެ. މި ފަރާތްތަކުގެ ބޭނުމަކަށްވީ، ޤަޠަރު ވޯލްޑްކަޕްގައި ބައިވެރި ނުވުމަށް ޓީމްތަކަށް ގޮވައިލުމާއި، ޤަޠަރު ބޮއިކަޓް ކުރުމަށް ހިތްވަރު ދިނުމެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން، ޤަޠަރުގައި ވޯލްޑްކަޕް ބޭއްވިޔަ ނުދިނުމެވެ.

ޤަޠަރާ ދެކޮޅަށް ހުޅަނގު ޔޫރަޕުން ފެށި މި ނުރައްކާތެރި މީޑިއާ ކެމްޕޭނާ ޤަޠަރުން ކުރިމަތިލީ ހިތްވަރާ އެކު ކެރިގެންނެވެ. ޔޫރަޕިއަން ޕާލަމެންޓަށް ވަޑައިގެން ޔޫރަޕްގެ ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ސުއާލުތަކަށް ޤަޠަރުގެ ވަޒީރުން ޖަވާބުދާރީ ވެ ވަޑައިގަތެވެ.

އިނގިރޭސި ވިލާތުގައި ނެރޭ ދަ ގާޑިޔަން ނޫހުން 2021 ފެބްރުއަރީގައި ބުނެފައިވަނީ، ވޯލްޑްކަޕް ޤަޠަރުގައި ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި އުޅުނު އިންޑިޔާ، ބަނގްލަދޭޝް، ޕާކިސްތާން، ނޭޕާލް އަދި ސްރީލަންކާ އަށް ނިސްބަތްވާ 6500 އާއި 15000 އާ ދެމެދުގެ އަދަދެއްގެ މީހުން، 2010 ގެ ފަހުން އެހައިތަނަށް މަރުވެފައިވާ ކަމަށެވެ. މި ކަމަށް ރައްދު ދެއްވަމުން، ޤަޠަރުގެ މަސައްކަތްތެރިކަމާބެހޭ ވަޒީރު ޢަލީ ޞަމީޚް އަލްމިއްރީ، ޔޫރަޕިއަން ޕާލަމެންޓްގައި ވިދާޅުވީ، ޤަޠަރުގެ ރައްޔިތުންނާ ދެކޮޅަށް ފަތުރަމުންދާ މި ފަދަ އަސާސެއްނެތް ވާހަކަތައް ޤަޠަރުން ކުއްވެރިކުރާ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންނާމެދު ނަފްރަތު އުފައްދާ ވާހަކަތަކާއި ނަސްލީ ތަފާތު ކުރުންތައް ޤަޠަރުން އެއްގޮތަކަށް ވެސް ބަލައި ނުގަންނާނެ ކަމަށެވެ. ވޯލްޑްކަޕަށް ތައްޔާރުވުމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވި މީހުންގެ އަދަދުތައް ވެސް ހުޅަނގުގެ މީޑިއާތަކުން މަތި ކުރަމުން ގެންދަނީ ޢާންމު ނީލަމެއްގައި އަދަދު މަތިކުރާ ގޮތަށް ކަމަށާއި، ކަމުގެ ޞައްޙަ މަޢުލޫމާތު، އައި.އެލް.އޯ ފަދަ ރަސްމީ އިދާރާތައް މެދުވެރިކޮށް ހޯދުން ރަނގަޅުވާނެ ކަމަށެވެ.

ޤަޠަރަކީ އެ ޤައުމުގެ ރައްޔިތުންގެ %85 އާ އެއްވަރުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅޭ ޤައުމެކެވެ. އެ ޤައުމުގައި ދާދިފަހުން އެކުލަވައި ޢަމަލުކުރަން ފެށި ކަފާލަތުގެ ނިޒާމުގައި ވާ ގޮތުން، ބިދޭސީންނަށް ޤަޠަރުގައި މަސައްކަތް ކުރެވޭނީ، ޤަޠަރުގެ ކޮންމެވެސް ފަރާތެއްގެ ވަޒީފާއެއްގަ އެވެ. ދިވެހިރާއްޖޭގައި އުޅޭގޮތަށް [އަމިއްލަމީހާ] ގެ ގޮތުގައި ނުއުޅެވޭނެ އެވެ. އަދި އެއްތަނުން އަނެއްތަނަށް ވަޒީފާ ބަދަލު ވުމަށްޓަކައި، ވަޒީފާ އަދާކުރަމުން ގެންދާ ތަނުން [ނޯ އޮބްޖެކްޝަން ސެޓިފިކެޓް] އެއް އޮންނަން ޖެހެ އެވެ. މި ގޮތަށް ހަދަން ޖެހެނީ، ބިދޭސީ މަސައްކަތްތެރިންގެ ވެލްފެއަރ ކަށަވަރު ކުރުމަށާއި، ދާދިފަހުން ތަޢާރުފްކުރި މިނިމަމްވޭޖް ސިސްޓަމުގައި ވެސް ބިދޭސީން ހިމެނުމަށްޓަކައެވެ. ނަމަވެސް މި ނިޒާމަކީ އަޅުވެތި ކުރުމުގެ ނިޒާމެއް ކަމުގައި ހަދައިގެން ޔޫރަޕްގެ މީޑިއާއިން ވަނީ ޚަބަރު ފަތުރާފަ އެވެ. މި ކަމާމެދު އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އިން ބުނެފައިވަނީ، ޤަޠަރުގައި ބިދޭސީ މަސައްކަތްތެރިންނާމެދު ކަން ކުރަނީ ރަނގަޅަށް ކަމަށާއި، އެ ކަންކަން ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތި ވެފައިވާ ކަމަށެވެ.

ޤަޠަރު ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުން، ވޯލްޑްކަޕްގެ ތައްޔާރީތަކާބެހޭ މަސައްކަތުގައި ޙަރަކާތްތެރިވި މީހުންގެ ތެރެއިން 2014 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު މަރުވެފައިވަނީ ޖުމްލަ 37 މީހުންނެވެ. އޭގެ ތެރެއިން މަސައްކަތާ ގުޅުންހުރި ސަބަބުތަކުގައި މަރުވީ ޖުމްލަ 3 މީހުންނެވެ.

ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދުއްޘާނީ ވިދާޅުވީ، ޤަޠަރު ވޯލްޑްކަޕް ބޮއިކަޓް ކުރުމަށް ކުއްލިއަކަށް ބޮޑު ޙަރަކާތެއް ހިންގަމުން އެބަ ގެންދާ ކަމަށާއި އެ ކަމުގެ ޙަޤީޤީ ސަބަބުތައް ސާފު ނުވާ ކަމަށެވެ. ޤަޠަރު ސަރުކާރުގެ އެހެން އޮފިޝަލަކު މި ކަމާމެދު ބުނެފައިވަނީ، މިއީ ހުޅަނގުން މެދުއިރުމަތީގެ ޤައުމުތަކާމެދު އޮންނަ މުނާފިޤުކަން ފާޅުވުން ކަމުގަ އެވެ.

ވޯލްޑްކަޕްގެ މެޗްތައް ފެށެން ގާތްވަމުން ދިޔަ ވަރަކަށް މި ޕްރެޝަރުތައް ވެސް ދިޔައީ އިތުރު ކުރަމުންނެވެ. ބޭނުން ހެދުމެއް އަޅައިގެން ކުޅިބަލަން ވަނުމުގެ މިނިވަންކަމާއި، ސްޓޭޑިއަމްތަކުގައި ބިއަރު ފަދަ ބަނގުރާ ބޮވެން ޖެހޭނެ ކަމަށާއި، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޝިޢާރުތައް ސްޓޭޑިއަމާއި ދަނޑުމަތީގައި ބޭނުން ކުރެވެންވާނެ ކަމަށާއި ޓީމްތަކުގެ ކެޕްޓަނުން އަޅާ ކެޕްޓަން ބޭންޑްގައި ވެސް އެ ނިޝާން ބޭނުން ކުރެވެން ވާނެކަމަށް ބުނެ ވަރަށް ގިނަ ބޮޑާހޭކުންތަކެއް ކުރިމަތި ކުރި އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޤަޠަރު ސަރުކާރަކުން ހުއްދައެއް ނުދިނެވެ. އަދި އެއިން ގަވައިދެއް މުގުރައިލުމުގެ ހިތްވަރެއް ފީފާއަކުން ވެސް ނުދިނެވެ. އޭގެ ބަދަލުގައި އެ ފަދަ އަމަލެއް ހިންގައިފި ކުޅުންތެރިއަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފީފާއިން ދިނެވެ. މިހައިތަނުން ޔޫރަޕްގެ ޓީމްތަކަށާއި ސަރުކާރުތައް މައިތިރިވެ ބަސްއަހައިގެން ތިބެން މަޖްބޫރު ވިއެވެ.

ޔޫރަޕްގެ މި ނުރައްކާތެރި ކަންތައްގަނޑު މައިތިރި ކޮއްލައްވައި، ސައިޒަށް ތިރިކޮށްލެއްވުމަށް އެންމެ ފަހުބަސް ވިދާޅުވީ ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ އެވެ. ޤަޠަރާ ދެކޮޅަށް ޔޫރަޕުން ހިންގި ބޮއިކަޓް ކުރުމުގެ ޙަރަކާތަށް ގޮންޖައްސަވަމުން، ސްވިޓްޒަރލެންޑަށް އުފަން އިންފަންޓީނޯ ވިދާޅުވީ، އޭނާއަކީ ވެސް ޔޫރަޕިއަނެއް ކަމަށާއި، ނަމަވެސް ޙަޤީޤަތުގައި ޔޫރަޕިއަނުންނަށް އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެކެވޭނީ ވޭތުވި ތިންހާސް އަހަރު އެ މީހުން އިންސާނިއްޔަތަށް ދިން އަނިޔާއަށްޓަކައި ކުރިޔަށް އޮތް ތިންހާސް އަހަރު ވަންދެން މަޢާފަށް އެދުމުގައި ތިބެފައި އޭގެ ފަހުން ކަމަށެވެ.