ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 1-4 އިން އޮސްޓްރޭލިޔާ ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ފްރާންސާއި ފޯވާޑް އޮލިވަރ ޖިރޫ ތާރިހީ މޮޅެއް ހޯދައިފިއެވެ.
މިއީ 2006 ގެ ވަރލްޑް ކަޕުގެ ފަހުން، ވަރލްޑް ކަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ނިކުމެ ގައުމަކުން ގްރޫޕް ސްޓޭޖުގައި މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. އަދި ޗެމްޕިއަނުންގެ ގޮތުގައި ނިކުމެ ގައުމަކުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ހަތަރު ލަނޑު ޖެހިވެސް ފުރަތަމަ ފަހަރެވެ..
އަނެއްކޮޅުން ރެޔަކީ ޖިރޫއަށްވެސް ހާއްސަ ރެއެކެވެ. 51 ލަނޑު ޖަހައިގެން ފްރާންސް ގައުމީ ޓީމުގެ ޓޮޕް ސްކޮރަރގެ މަގާމުގައި ހުރި އޮންރީގެ ރެކޯޑާއި ޖިރޫ ވަނީ އެއްވަރު ކޮށްފައެވެ. ޖިރޫގެ ދެލަނޑު ފެނިގެންދިޔައީ މެޗުގެ 32 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައެވެ. މިދެކުޅުންތެރިންވެސް ފްރާންސް ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 51 ލަނޑެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެމެޗުގައި އޮންރީގެ ރެކޯޑް ޖިރޫ މުގުރާލާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ސީޒަނުގައި އިޓަލީގެ މަޝްހޫރު އޭސީ މިލާނަށް ލީގް ޗެމްޕިއަންކަން ހޯދައި ދިނުމުގަޔާއި މިސީޒަނުގައި އޭސީ މިލާން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޖިރޫ ވަރލްޑް ކަޕަށް ދިޔައިރު ހުރީ ވަރަށް ފޯމުގައެވެ.
ކަރީމް ބެންޒެމާއަށް އަނިޔާވެ ފްރާންސް ސްކޮޑުން ބާކީ ކުރަން ޖެހުމުގެ ސަބަބުން ކުރިންވެސް ބެލެވިފައި އޮތީ ކޯޗް ޑިޑިއަރ ޑޯޝެމްޕް ސެންޓަރ ފޯވާޑަކަށް ބޭނުން ކުރާނީ ޖިރޫ ކަމަށެވެ.
ވަރލްޑް ކަޕުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:
މޮރޮކޯ - ކްރޭޝިޔާ ( 15:00)
ޖަރުމަނު - ޖަޕާން (18:00)
ސްޕެއިން - ކޮސްޓަރިކާ (21:00)
ބެލްޖިއަމް - ކެނަޑާ (0:00)