ސަރުކާރުން ހަދާ ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދެންޖެހޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންކުރި ހަމައެކަނި އުންމީދަކީ ބަނދަރު ހެދުން ކަމަށްވާނަމަ އެއަށް އުންމީދޭ ބުނެވިދާނޭ ކަމަށެވެ. ބަނދަރާއި ފެނާއި ނަރުދަމާގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އޮޅޭނޭ މީހަކު ނުހުންނާނޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަނދަރަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގެއް ކަމަށްވާތީ އެއީވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އެއާއެކު އެހެން ވައުދުތައް ވެސް ފުއްދެންވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދެން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވައްކަން ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން މިސަރުކާރުގެ ވެންޓިލޭޓަރު ވަކަން ހޯދަން އުޅޭތަން ފެންނަންޖެހޭނޭ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރު މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގެއްލިފައިވާ ރިޟުވާނާއި މަރާލައިފައިވާ ޔާމީނަށް އިންސާފު ހޯދައިދޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީން މަސްވެރީންނަށްވީ ވައުދުތައް ފުއްދާތަން ފެންނަންޖެހޭ،" އީވާ ވިދާޅުވިއެވެ.

އެމްޑީޕީއާމެދު ރައްޔިތުންކުރި އުންމީދު ބަނދަރަކާ ހިސާބުން ނިންމައެއް ނުލެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޓީސީސީއާ ބަނދަރު ކޮންނަން ހަވާލުކުރުމުން އެއީ ސަރުކާރު ހިންގަނީއޭ ހީވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ޗުއްޓީ ނަންގަވައިފިނަމަ ސަރުކާރު ބަންދު ބޯޑުއަޅުވާނީއޭ ހީވާކަހަލަ ކަމަށް ވެސް ވިދާޅިވިއެވެ. "ހީވާކަލަ އެމްޓީސީސީއަށް ބަނދަރު ކޮންނަން ދޫކޮށްލާފައި އެއީ ސަރުކާރު ހިންގަނީއޭ. ހިވާކަހަލަ އެމްޓީސީސީގެ އާދަމް އާޒިމް ޗުއްޓީ ނަގައިފިއްޔާ ސަރުކާރު ބަންދު ބޯޑު އަޅުވަނީއޭ. ހީވާކަހަލަ މަހާޖައްރާފަށާއި ބޮޑު ޖައްރާފާއި އެމްޓީސީސީއަށާއި އާދަމް އާޒިމަށް ރަނުންރަނަށް ވެރިކަން ކުރަންދީފައި ރަނުންރަނަށް ވައުދު ފުއްދަން ދީފައި ދެންތިބި މީހުން ކޮންމެވެސް ހަފްލާއެއްގައި ރިބަންކަނޑަން ތިބެންވީއޭ،" އީވާ ވިދާޅުވިއެވެ.

މެންބަރު އީވާ ވިދާޅުވީ މިފަދަ ވާހަކަ މިގޮތަށް ދެއްކެވުމުން ފާޑުކިޔާ ކޮންމެ މީހަކުވެސް ބުނާނީ ހަސަދަވެރިވެގެން ދައްކާ ވާހަތަކެއް ކަމަށެވެ. ޚަރަދުބޮޑުވާވާހަކަ އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވުމުން އެއީ ހަސަދަކަމަށާއި ސަރުކާރުން ހިންގާ ކުންފުނިތަކުގައި ހެސްކިޔާފައި ކްރަޕްޝަން އޮތްވާހަކަ އެންޓިކޮރަޕްޝަން ކޮމިޝަނުންވިދާޅުވުން އެއީ އެތަނުން ހަސަދަވެރިވުން ކަމަށް ފާޑުކިޔާ ބޭފުޅުން ވިދާޅުވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.