ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "އެފް" ގެ ފުރަތަމަ މެޗުގައި މިއަދު އަލް ބަޔަތު ސްޓޭޑިއަމްގައި ކްރޭޝިޔާ މޮޅުވިޔަ ނުދީ މޮރޮކޯ (މަޣްރިބް) އިން ހިފަހައްޓައިފިއެވެ.
އެންމެފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅެ ފްރާންސް އަތުން 4-2 އިން ބަލިވި ކްރޭޝިޔާއަށް މިމެޗުގައި މޮރޮކޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ 2 ހަމަލާއެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި ކެޕްޓަން ލޫކަރ މޮޑްރިޗް ޑިއޭރިޔާގެ މަތިން ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާ ދިޔައީ މޮރޮކޯގެ މަތީދަނޑީގެ އިންޗިއެއްހައި މަތިންނެވެ.
މުޅި މެޗުގައިވެސް މޮރޮކޯއިން ފެނުނީ ވަރަށް ހަމަޖެހިގެން ތިބެ ކުޅުނު ތަނެވެ. ހާއްސަކޮށް މޮރޮކޯގެ ޑިފެންސް ލައިން ފެނުނީ ވަރަށް އޮގްނައިޒްކޮށެވެ.
ދެވަނަ ހާފުގައި މޮރޮކޯގެ ތަޖުރިބާކާރު ޑިފެންޑަރު ހަކީމީ ފޮނުވާލި ބާރު ހިލޭ ޖެހުމެއްގެ ހުރަހަކަށްވީ ކްރޭޝިޔާގެ ކީޕަރެވެ. އޭގެފަހުންވެސް މޮރޮކޯއިން ހަމަލާ އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެކަމަކު މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ކްރޭޝިޔާ އާއި މޮރޮކޯގެ އިތުރުން ދެން މިގްރޫޕުގައި އޮތީ މަޝްހޫރު ބެލްޖިއަމް އާއި ނޯތު އެމެރިކާގެ ކެނަޑާއެވެ. ކެނަޑާއަކީ މިފަހަރު ސަޕްރައިޒިންގ ޓީމަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރާ ޓީމެއްކަން ފާހަގަ ކޮށްލެވެއެވެ.