ޖަޕާނުގެ ކޯޗް ހަޖިމޭ މޮރިޔަސޫ މީގެ ދެމަހެއްހައި ދުވަސް ކުރިން ފެށިގެން ތަކުރާރުކުރާ އެއްވާހަކައެއް އެބައޮތެވެ. ޖަރުމަނާއި ސްޕެއިން ހިމެނޭ ގްރޫޕް "އީ" ގައި ޖަޕާނު އޮތަސް އޭނާގެ އަމާޒަކީ ކުއާޓާފައިނަލުން ޖަޕާނަށް ޖާގަ ހޯދައި ދިނުން ކަމަށެވެ.
ޖަރުމަނުން ހަތަރު ފަހަރު އަދި ސްޕެއިނުން އެއްފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިފަހަރުގެ ވަރލްޑް ކަޕުގައިވެސް މިދެގައުމަކީ މުބާރާތް ކާމިޔާބު ކުރުމުގެ ގާބިލްކަން އެންމެ މަތީ ފަންތީގައި ހުރި ދެގައުމެވެ. މިދެގައުމުންކުރެ ގައުމެއް ފަހަތަށް ޖައްސާލައި ދެވަނަ ބުރުން ޖަޕާނަށް ޖާގަ ހޯދިދާނެބާއެވެ؟
ޖަރުމަނާއި ސްޕެއިނާއި ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނެކަން ޔަގީންވުމާއެކު ޖަޕާނުން ވަނީ ތަފާތު ތިން ފޯމޭޝަނަކަށް އެކުވެރިކަމުގެ ހަތަރު މެޗް ކުޅެފައެވެ. މީގެ ތެރެއިން އެއްމެޗް ކުޅުނީ ފުޓްބޯޅައިގައި ޖަރުމަނަށްވުރެ އިތުރަށް އެއްތަރި މޭމަތީގައި ޖަހާފައިވާ ބްރެޒިލާ ދެކޮޅަށެވެ. ޖަޕާނުގައި ކުޅެ ބްރެޒިލް އަތުން ޖަޕާން ބަލިވީ 1-0 އިންނެވެ.
އެކަމަކު އޭގެފަހުން އެމެރިކާ ބަލިކޮށް އިކްއެޑޯއާ އެއްވަރު ކުރިއެވެ. ކެނެޑާ އަތުން 2-1 އިން ބަލިވީއެވެ.
މޮރިޔަސޫ ބުނީ ކޮންމެ ޓީމެއް އިދިކޮޅަށް ނިކުތަސް އޭނާގެ ޓީމަށް ފުރުސަތު އޮންނާނެ ކަމަށާއި ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކޮލިޓީ އޭނާގެ ކުޅުންތެރިން ކިބައިގައި އެބަހުރި ކަމަށެވެ.
ޖަޕާނުން ވަނީ އެންމެފަހުގެ ވޯލްޑް ކަޕުގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެފަހަރު ޖަޕާން ކެޓީ ވަރުގަދަ ބެލްޖިއަމް އަތުން ދެވަނަ ބުރުގައި ބަލިވެގެންނެވެ. އެންމެން ހައިރާންކޮށްލައި ބެލްޖިއަމް ކައިރީގައި ދެލަނޑުގެ ލީޑެއްވެސް ޖަޕާނުންް ނެގިއެވެ. އެކަމަކު ދެވަނަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ބަލިވީއެވެ.
ޔޫރަޕް ޓީމުތައް ކައިރީ ޖެހިލުމެއްނެތި ކުޅުމަކީ މިހާރު ޖަޕާނަށް އާކަމެއް ނޫނެވެ. އެކަމަކު ޖަޕާނަށް މުބާރާތުގައި ކުރިއަށް ދެވެން އޮތީ މިރޭ ޖަރުމަނު ހައިރާން ކޮށްލައިގެންނެވެ.