ފަހަތުން އަރައި ވަރުގަދަ ޖަރުމަނުގެ މައްޗަށް 2-1 އިން ކުރި ހޯދައި ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ސިހުން މިރޭ ގެނެސްފިއެވެ.
އިއްޔެ ސައުދީ އަރަބިއްޔާ އަތުން 2-1 އިން އާޖެންޓީނާ ބަލިވުމުގެ ހައިރާން ކަމުގައި ދުނިޔެ ވަނިކޮށް ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕުގައި ދެވަނަ ފަހަރަށް ސިހުން ގެނުވީ ދެވަނަ ހާފުގައި ޖަރުމަނު ކޮޅަށް ކާމިޔާބު ކުރި ރީތި ދެލަނޑުންނެވެ.
މެޗުގެ ކުރިންވެސް، ޖަރުމަަނު ބަލިކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލްކޮށްގެން ތިބި ޖަޕާނުން މެޗް ފެށީ ކައުންޓަރ އެޓޭކިންގ ސްޓައިލްގައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީއިން ކެޕްޓަން ގުންޑޮގަން ލީޑް ނެގުމުގެ ކުރިން ޖަޕާނުން ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ރެފްރީ ނިންމީ މައެޑާ ލަނޑުޖެހީ އޮފްސައިޑް ޕޮޒިޝަނުގައި ހުރެ ކަމަށެވެ.
ދެވަނަ ހާފް ފަށައިގެންވެސް ލަނޑު ޖަހާނެ އެންމެ ރަނގަަޅު ފުރުސަތުތައް ލިބުނީ ޖަރުމަނަށެވެ. އެކަމަކު ފޯވާޑް ސާޖީ ނަބްރީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ޖަޕާނުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވި ކުޅުންތެރިންގެ ހަލުވި ސްޕީޑް ބޭނުން ކޮށްގެންނެވެ. ޖަޕާނުން ކުޅެމުންދިޔަ އަވަސް ބޯޅަތަކުގެ ސަބަބުން ސިހިފައި ތިބި ޖަރުމަނުގެ ޑިފެންޑަރުންނަށް ހަމަހޭވެރިކަންވީ 75 ވަނަ މިނެޓުގައި ރިޓްސޫ ޑޮއާންގެ ލަނޑުން ޖަޕާނުން އެއްވަރު ކުރި ފަހުންނެވެ. ޖަޕާނަށް 83 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑް ނަގައި ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޓަކޫމާ އަސޯނާއެވެ.
ޖަޕާނާއި ސައުދީން ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެބާރު ބަލި ކުރުމުން، މިފަހަރުގެ އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި ބައްރަކަށް ވެފައި މިވަނީ އޭޝިޔާ ބައްރެވެ.
މިރޭ ކުރިއަށް ހުރި މެޗުތައް:
ސްޕެއިން - ކޮސްޓަރިކާ (21:00)
ބެލްޖިއަމް - ކެނަޑާ (0:00)