ކޮސްޓަރިކާ އަތުން 7-0 އިން މޮޅުވުމުން އުފާވާ ކަމަށާއި އެކަމަކު މާބޮޑަށް އޭނާގެ ޓީމަށް ތައުރީފް ނުކުރުމަށް ސްޕެއިނުގެ ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.

ކޮސްޓާރިކާ އަތުން ރޭ ސްޕެއިން ހޯދި މޮޅަކީ އެގައުމުގެ ތާރިހުގައި ވަރލްޑް ކަޕް މެޗެއްގައި ސްޕެއިނުން ނެރެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަދި މިމެޗުގައި ލަނޑު ޖެހި ޒުވާން މިޑްފީލްޑަރު ގަވީ ވެފައި ވަނީ މަޝްހޫރު ޕެލޭއަށްފަހު ވޯލްޑް ކަޕް މެޗެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ. ޕެލޭ ލަނޑު ޖެހީ އުމުރުން 17 އަހަރުގައެވެ. ގަވީ ރޭ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 110 ދުވަހެވެ.

"ކޮސްޓަރިކާއާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ހިތްގައިމު. މުބާރާތުގެ ކުރިން އެންމެންވެސް ބުނަމުންދިޔައީ އަހަރެމެންގެ ރަނގަޅު ފޯވާޑެއް ނެތޭ. އުއްމީދު ކުރަން މިމެޗުން އެކަމަށް ރައްދު ދެވިއްޖެ ކަމަށް. މޮޅަށް ކުޅުނީނަމަ ތައުރީފްވެސް ކުރަންވާނެ. އެކަމަކު އަހަރެން އެދެނީ މިޓީމަށް މާބޮޑަށް ތައުރީފް ނުކުރަން. ތައުރީފް ކުރުމަކީ ކުރިއަށް ހުރި މެޗުތަކަށް އޭގެ އަސަރު ކޮށްފާނެ ކަމެއް" ބާސެލޯނާއަށް ކުރިން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ކުރިއަށް އޮތީ ޖަރުމަނު މެޗް ކަމަށާއި ޖަރުމަނަކީ ސްޕެއިން ބަލިކުރޭނެ ފެންވަރު ހުރި ޓީމެއް ކަަމަށެވެ. ޖަރުމަނު ވަނީ ފުރަތަމަ މެޗުގައި ޖަޕާން އަތުން ހައިރާން ކުރުވަނިވި ގޮތަކަށް 2-1 އިން ބަލިވެފައެވެ.

އެންރީކޭއަކީ އަބަދުވެސް އިދިކޮޅު ޓީމުގެ މޮޅުވާހަކަ ދައްކާ ކޯޗެއްކަން ފާހަގަ ކޮށްލެވެއެވެ. މިފަހަރުގެ ވަރލްޑް ކަޕުގައިވެސް މިފެންނަނީ އެމަންޒަރެވެ.