އައްޑޫސިޓީ މީދޫ، މަތިކިޅި އީކޯ ގާޑެން ބެލެހެއްޓުމަށް ޖަމިއްޔާއެއް އުފައްދައިފިއެވެ.

ޖަމިއްޔާގެ ހަތަރު ފައުންޑަރ މެމްބަރުންނަކީ އަބްދުﷲ ޒުހުރީއާއި، މުހައްމަދު ސަލާހާއި، އަބްދުލް މަޖީދު ޝާކިރާއި، ނަޢުމާ އަބްދުﷲ އެވެ. މީގެ ތެރެއިން އަބްދުﷲ ޒުހުރީއާއި މުހައްމަދު ސަލާހަކީ، މަތިކިޅި އީކޯ ގާޑެން ތަރައްގީކުރުމަށް އެންމެ ފުރަތަމަ އިސް ނަގައިގެން މަސައްކަތްކުރަމުން އައި ދެ ބޭފުޅުންނެވެ. މަތިކިޅި އީކޯ ގާޑެން ޓީމަށް، އަބްދުލް މަޖީދު ޝާކިރާއި ނަޢުމާ އަބްދުﷲ ގުޅުނީ ފަހުންނެވެ. މި ޖަމިއްޔާ އުފެއްދެވުމަށް އެ ދެ ބޭފުޅުންވަނީ ވަރަށްބޮޑު ތާއީދަކާއި މަދަދެއް ދެއްވައިފައެވެ.

މަތިކިޅި ސޮސައިޓީގެ ނަމުގައި އުފެއްދި މިޖައްމިޔާގެ ރައީސަކީ އަބްދުﷲ ޒުހުރީއެވެ. ނާއިބު ރައީސުންނަކީ މުހައްމަދު ސަލާހާއި، އަބްދުލް މަޖީދު ޝާކިރެވެ. ހިންގާ ސެކްރެޓަރީއަކީ ނައުމާއެވެ.

މިއީ މަތިކިޅި އީކޯ ގާޑެން ބެލެހެއްޓުމަށް ޚާއްސަ ޖަމިއްޔާއަކަށް ވިޔަސް ތިމާވެެއްޓާ ގުޅޭ އެހެން ކަންކަމުގައި ވެސް މިޖަމިއްޔާ ހަރަކާތްތެރިވާނެއެވެ. މި ޖަމިއްޔާ ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވަނީ މި ދިޔަ ސެޕްޓެމްބަަަރުމަހުގެ 6 ދުވަހުއެވެ.

ޖަމިއްޔާގެ މައިގަނޑު މަގުސަދު:

  • މަތިކިޅީގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ހިމާޔަތްކޮށް ދެމެހެއްޓުން.

  • މަތިކިޅި އަކީ މުޖުތަމަޢަށް މުހިއްމު، ބޭނުންތެރި އަދި ބޭނުންކުރެވޭ ގުދުރަތީ ޚަޒާނާއެއްގެ ގޮތުގައި ދެމެހެއްޓުން.

  • ރަށާއި އަތޮޅު އަދި ޖުމްލަ ގޮތަކަށް ދިވެހިރާއްޖޭގެ ކުޅިތަކާއި ކަނޑޫފާތަކުގެ އިތުރަށް ގުދުރަތީ އެހެނިހެން ތަރިކަ އަންނަންއޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި ގުޅިގެން މަސައްކަތްކުރުން.

  • އައްޑޫ ސިޓީ މީދޫގައި ހުރި ތާރީޚީ އަދި އާސާރީ ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުން.

މިއީ މިޖަމިއްޔާ އުފެދުމުގެ ކުރީން ވެސް ޖަމިއްޔާ އުފެއްދި ޓީމުން ގެންގުޅެމުން އައި ވިސްނުމެވެ. އަދި އަމަލު ކުރަމުން އައި ގޮތެވެ. ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި، އެޓީމުން ވަނީ މަތިކިޅި އިކޯ ގާޑެން ވަރަށް ބޮޑަށް ތަރައްގީކޮށް އާންމުން ބަލައިގަންނަ ތަނަކަށް ހަދައިފައެވެ. އެހެން ކަމުން މީދުއަށް ޒިޔާރަތް ކުރާ މެހުމާނުންނާއި އެރަށާއި ހުޅުދޫ މީހުން ވެސް ވަނީ މަތިކިޅި އަކީ މުޖުތަމަޢަށް މުހިއްމު، ބޭނުންތެރި އަދި ބޭނުންހިފޭ ގުދުރަތީ ތަރިކައެއް ކަމުގައި ބަލައިގެންފައެވެ.

"ތަރިކައާއެކު އުޅެމާ! ތަރިކަ ދިރިދަމަހައްޓަމާ!" މި މޮޓޯގެ ދަށުން ނުކުތް މި ޖަމިއްޔާއިން ވަނީ މަތިކިޅި ސޮސައިޓީގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ހިމެނެއެވެ. ކުރިއަށްއޮތް ތަނުގައި އިތުރު ފަރާތްތަކުގެ މަދަދާއި އެހީތެރިކަން އެޖަމިއްޔާއަށް ބޭނުންވާ ކަމަށް ރައީސް އަބްދުﷲ ޒުހުރީ ވިދާޅުވިއެވެ.

މަތިކިޅިއަށް ޒިޔާރަތްކުރި ފޭދޫ ފެމިލީއެއް: ފޮޓޯ/ ފޭސްބުކް

މީދޫގައި ތަރައްގީ ކޮށްފައިވާ މި ގާޑެން ނުވަތަ ބަގީޗާއަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބިފައިވާ ހިތްގައިމު ތަނެކެވެ. ދިވެހީންގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީންނާއި އެހެނިހެން ބޭނުންތަަކަށް އަންނަ މީހުން ވެސް މި ބަގީޗާއަށް ވަރަށްގިނައިންް ޒިޔާރަތްކުރެއެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުގެ ދަރިވަރުންވެސް މި ބަގީޗާއަށް ފީލްޑްޓްރިޕް ފަދަ ކަންކަމުގައި އާދެއެވެ.