ވަރލްޑް ކަޕް ގްރޫޕް "އެފް" ގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު އޭނާގެ ޝައުގުވެރިކަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅުވައިގެން މީޑިޔާގައި ދެކެވޭ ވާހަކަތަކަށް ނޫން ކަމަށާއި ހުރިހާވެސް ޝައުގެއް ހުރީ ޕޯޗުގަލް ބަލި ކުރަން ކަމަށް ގާނާގެ ކޯޗް އޮއްޓޯ އައްޑޯ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޯ ކައިރިން ނޫސްވެރިޔަކު ކުރި އެއްސުވާލަކީ މެންޗެސްޓަރ ޔުނައިޓެޑާއި ރޮނާލްޑޯއާ ދެމެދު ޖެހިފައިވާ މައްސަތަކުގެ ސަބަބުން އެކަމުގެ އެއްވެސް އަސަރެއް މިމެޗަށް ކޮށްފާނެތޯއެވެ. ޖަވާބުގައި އައްޑޯ ބުނީ ރޮނާލްޑޯއާ ގުޅުވައިގެން މީޑިޔާގައި ދެކެވޭ އެއްވެސް ވާހަކައަކުން މިމެޗަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލް ނުކުރާކަމަށެވެ.

"އެއީ އަހަރެމެންނާއި ބެހޭ ކަމެއް ނޫން. ހަގީގަތަށް ބުނަންޏާ ރޮނާލްޑޯއާ ގުޅޭ ގޮތުން މީޑިޔާގައި ދެކެވެމުންދާ އެއްވެސް ވާހަކައަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. ގާނާގައި މިއޮތީ ވަރަށް ހުނަރުވެރި މޮޅު ސްކޮޑެއް. ޕޯޗުގަލް އަތުން ތިން ޕޮއިންޓް ހޯދޭނެ ފެންވަރު ގާނާ ޓީމުގައި އެބަހުރި. އަހަރެންގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ ޕޯޗުގަލް ބަލިކުރަން. އަަހަރެން ގަބޫލް ކުރަނީ ވަރލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއްގައި ޕޯޗުގަލްގެ ވިސްނުންވެސް ހުންނާނީ މިގޮތަށްހެން" ޖަރުމަނަށް އުފަން އައްޑޯ ބުންޏެވެ.

ގާނާގެ ކޯޗް އޮއްޓޯ އައްޑޯ.

"ޕޯޗުގަލްއާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކަން އަހަރެން ބޭނުން. އެކަމަކު ގަބޫލް ކުރަންޖެހޭ ޕޯޗުގަލް ކަހަލަ ވަރުގަދަ ޓީމެއް ބަލިކުރެވޭނީ ރަނގަޅަށް ޑިފެންސްވެސް ކޮށްގެންކަން. މިފަހަރު ވަރލްޑް ކަޕުގައި ފެނިގެން ހިނގައްޖެ ވަރަށް ކުދިކުދި ކަންކަމުންވެސް މެޗް އެނބުރިގެން ދިޔަތަން" އާޖެންޓީނާ އާއި ޖަރުމަނު ބަލިވި މެޗުތަަކަށް އިޝާރާތް ކުރަމުން އައްޑޯ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ރުބެން ޑިއަޒްވެސް ބުނީ ރޮނާލްޑޯ އާއި މެންޗެސްޓަރ ޔުނައިޓާ ދެމެދު ހިނގި ކަންކަމުގެ އަސަރު ޕޯޗުގަލް ޓީމަށް ނުކުރާނެ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑަށާއި އެކްލަބުގެ ކޯޗް އެރިކް ޓެންހާގަށް ވަރަށް ބޮޑަށް ފާޑު ކިޔައި ރޮނާލްޑޯ، މަޝްހޫރޫ ޕްރެޒެންޓަރ ޕިއާސް މޯގަންއަށް ދިން ބަސްދީގަތުމާއި ގުޅިގެން އިއްޔެ ރޭގެ ވަގުތެއްގައި މެން.ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އެގްރިމެންޓް ބާތިލް ކޮށްފައެވެ.

ޕޯޗުގަލް އާއި ގާނާ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.