ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް "އެފް" ގައި ދެކުނު ކޮރެއާ އާއި އުރުގުއޭ ބައްދަލު ކުރި މެޗް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އުރުގުއޭއިން ވަނީ 10 ހަމަލާ ދެކުނު ކޮރެއާގެ ގޯލަށް ފޮނުވާލާފައެވެ. މީގެ ތެރެއިން ޑިފެންޑަރު ޑިއޭގޯ ގޯޑިން ބޮލުން ފޮނުވާލި ހަމަލާއަކާއި އޭރިޔާގެ ބޭރުން މިޑްފީލްޑަރު ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ދެކުނު ކޮރެއާ ގޯލުގެ ދަނޑިއެވެ.
މިމެޗަށް އުރުގުއޭއިން ނިކުތީ އެންމެ ކުރިއަށް ތިން ފޯވާޑުން ލައިގެންނެވެ. އެއީ ތަޖުރިބާކާރު ފޯވާޑް ލުއިސް ސްއަރޭޒް އާއި މިސީޒަނުގައި ލިވަޕޫލާ ގުޅުނު ނުރައްކާތެރި ފޯވާޑް ޑާވިން ނުނޭޒް އަދި ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ އަލަވެސްއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ފަކުންޑާ ޕެއްލިސްޓްރީއެވެ.
މިމެޗުގައި ދެކުނު ކޮރެއާއަށް އުރުގުއޭގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިމެޗް ލަނޑެއް ނުޖެހި އެއްވަރުވުމާއެކު މުބާރާތުގައި މިހާތަނަށް 4 މެޗެއް މިވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. މިއީ ވަރލްޑް ކަޕުގެ ތާރިހުގައިވެސް ރެކޯޑެވެ.
މިގްރޫޕުގައި ދެން ހިމެނެނީ ޕޯޗުގަލް އާއި ގާނާއެވެ. މިދެޓީމު ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.
މެޗުގެ އުސްއަލިތައް:
https://www.fifa.com/fifaplus/en/watch/2FYhRgdQlEIWAeNzdgtR8T?cid=(p_go-box)(c_FIFAPlus)(sc_highlights)(ssc_)(da_)(co_)(cc_)&s_cid=(co_)(cc_)&c=(c_FIFAPlus)(sc_highlights)(ssc_)(cc_)&pid=(p_go-box)(ch_)(t_)