އޭރިޔާގެ ތެރެއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޑައިވް ކުރީކަމަށާއި މެޗް އެނބުރިގެން ދިޔައީ ރެފްރީއަކަށް ހުރި އެމެރިކާގެ އިސްމާއިލް އަލްފާތު ރޮނާލްޑޯއަށް ދިން "ހާއްސަ ހަދިޔާ" ގެ ސަބަބުން ކަމަށް ގާނާގެ ކޯޗް އޮއްޓޮ އައްޑޯ ބުނެފިއެވެ.

ގާނާ އަތުން ޕޯޗުގަލް މޮޅުވީ 3-2 އިންނެވެ. މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ޕެނަލްޓީއާއެކު އޭނާ ވެފައި ވަނީ 5 ވޯލްޑް ކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އައްޑޯ ބުނީ ގާނާގެ ޑިފެންޑަރު މުހައްމަދު ސަލިސޫ، ރޮނާލްޑޯއަށް ފައުލް ނުކުރާ ކަމަށާއި ރިޕްލޭއިންވެސް ފެންނަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. "ފައުލް ނުކުރާކަމަށް ބުނެ އޭނާ ރެފްރީ ކައިރީ ޝަކުވާވެސް ކުރި. ކީއްވެބާ ވީއޭއާރު ނުބެލުނީ. ވީއޭއާރުން އަހަރެމެންނަށް މިކަމެއް ޖަވާބެއް ނުލިބުނު" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ އައްޑޯ ބުންޏެވެ.

އައްޑޯ ބުނީ މެޗުގެ ފަހުންވެސް ރެފްރީއާ ބައްދަލު ކުރަން އޮފިޝަލުން ކުރެން އޭނާ އެދުނު ކަމަށާއި އެކަމުގެ އެކަން ކާމިޔާބު ނުވި ކަމަށެވެ.

މިއީ މިފަހަރުގެ ވަރލްޑް ކަޕުގައި ވީއޭއާރު ނުބަލައި އެއްވެސް އެއްވެސް ގައުމަކަށް ޕެނަލްޓީއެއް ދިން ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ރޮނާލްޑޯ ޑައިވް ކުރުމުން ދިން ޕެނަލްޓީއާމެދު މަޝްހޫރު ތަރިންވެސް ސޯޝިއަލް މީޑިޔާގައި ދަނީ ހޫނުކޮށް ބަހުސް ކުރަމުންނެވެ. މިއީ ޕެނަލްޓީއެއް ނޫންކަމަށް ބުނާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކުރީގެ ތަރިންވެސް ތިބިކަން ފާހަގަ ކޮށްލެވެއެވެ.

ގާނާއަށް ދެން ކުރިއަށް އޮތީ މިމަހުގެ 28 ވަނަ ދުވަހު ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމައެދުވަހު ޕޯޗުގަލް ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.