ފީފާ ވަރލްޑް ކަޕުގައި ރޭ ގާނާ އާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ދެވަނަ ހާފުގައި ގާނާގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޓިގަތުމުން ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނިންމުކަަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ޕޯޗުގަލް ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ލުއިސް ފީގޯ ބުނެފިއެވެ.

ފީގޯ މިހެން ބުނީ، މެޗަށްފަހު ފީފާގެ އޮފިޝަލް ބްރޯޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ.

ޕޯޗުގަލް ގައުމީ ޓީމުގައި ރޮނާލްޑޯގެ ތަރި އެރުމުގެ ކުރިން، އެގައުމުގެ އެންމެ މަޝްހޫރު ކުޅުންތެރިޔާގެ ގޮތުގައި ހުރި ކުޅުންތެރިޔަކީ ފީގޯއެވެ. ކުރިން ރެއާލް މެޑްރިޑާއި ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ފީގޯ ބުނީ ހައްގު ޕެނަލްޓީއެއް ކަމަށް އޭނާ ނުދެކުނުނަމަވެސް މިލަނޑަށް މަރުހަބާ ކިޔާ ކަމަށެވެ.

ރޮނާލްޑޯ ޑައިވް ކުރުމުން ޕެނަލްޓީދިން މައްސަލަ ސޯޝިއަލް މީޑިޔާގެ ބަހުސަކަށް ވެފައިވާއިރު މިބަހުސުގެ ތެރެއަށް މަޝްހޫރު އެތައް ފަރާތެއް ވަނީ ވަދެފައެވެ.

ރޮނާލްޑޯއާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އެކަމަކު މިހާރު ގުޅުން ގޯސްވެފައިވާ ވޭން ރޫނީ ބުނީ ޕެނަލްޓީ ހޯދުމަށް ރޮނާލްޑޯ ބޭނުން ކުރީ އޭނާގެ ދިގު ފުޓްބޯޅަ ކެރިޔަރުގެ ތަޖުރިބާކަމަށެވެ.

މިމައްސަލައިގައި މިއީ ޕެނަލްޓީއެއް ކަމަށް ހިޔާލުފާޅު ކުރި އެންމެ ފާހަގަ ކޮށްލެވޭ ފަރާތަކީ ދާދިފަހުން ރޮނާލްޑޯގެ ހާއްސަ އިންޓަވިއެއް ނެގި މަޝްހޫރު ޕްރެޒެންޓަރު ޕީއާސް މޯގަންއެވެ.