މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ދަތޯ ސެރީ އަންވަރު އިބްރާހީމް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އެމަނިކުފާނަށް މަރުޙަބާހެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގާންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވެެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އަންވަރަކީ މެލޭޝިޔާގެ ދިހަވަނަ ބޮޑުވަޒީރެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ.