ވަރލްޑް ކަޕް ގްރޫޕް "ބީ" ގައި ވަރުގަދަ އިނގިރޭސިން އަތުން އެމެރިކާއިން ރޭ ޕޮއިންޓެއް ހޯދުމުން، ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފޯރި މިގްރޫޕުގައި ގަދަ ވެއްޖެއެވެ.

މިގްރޫޕުގެ ކޮންމެ ގައުމަކުންވެސް މިހާތަނަށް ދެމެޗް ކުޅެފައިވާއިރު ބާކީ ކޮންމެ ގައުމަކަށްވެސް އޮތީ އެންމެ މެޗެކެވެ. ގްރޫޕުގެ އެއްވަނަ މަގާމުގައި އިނގިރޭސިން އޮތީ 4 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިއްޔެ ވޭލްސްގެ މައްޗަށް 2-0 އިން ކުރި ހޯދި އޭޝިޔާގެ ބޮޑު ބާރު އިރާނެވެ. ތިންވަނައިގައި 2 ޕޮއިންޓާއެކު އޮތީ އެމެރިކާއެވެ. ވޭލްސް ގްރޫޕް ފުލުގައި އޮތީ އެއްޕޮއިންޓާއެކުއެވެ.

ގްރޫޕް ބީ ގެ ތާވަލް މިހާރު އޮތްގޮތް

ދެވަނަ ބުރުން އިންގްލެންޑަށް އޮތް ފުރުސަތު:

މިގްރޫޕުން ދެވަނަ ބުރުގެ ފުރުސަތު އެންމެ ފަހިކޮށް އޮތީ އިނގިރޭސިންނަށެވެ. ފުރަތަމަ މެޗުގައި އިރާން އަތުން 6-2 އިން މޮޅުވުމުން އިނގިރޭސިންނަށް ފައިދާ 4 ލަނޑު އެބައޮތެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިނގިރޭސިން ނިކުންނަން ޖެހެނީ ވޭލްސްއާ ދެކޮޅަށެވެ. އިނގިރޭސިންނަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލެން އޮތް ހަމައެކަނި ގޮތަކީ އިިނގިރޭސިން އަތުން ވޭލްސް ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވުމާއެކު، އެމެރިކާ އާއި އިރާން ބައްދަލު ކުރާ މެޗުން ކޮންމެވެސް އެއްގައުމެއް މޮޅުވެއްޖެނަމައެވެ.

އިރާން އާއި ވޭލްސް އަދި އެމެރިކާއަށް އޮތް ފުރުސަތު:

ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިރާނާއި އެމެރިކާ ބައްދަލު ކުރާ މެޗް ވެގެންދާނީ ހަމައެކަނި ފުޓްބޯޅައިގެ ދަނޑުގައި ކުޅެވޭ މެޗަކަށް ނޫނެވެ. ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ވާދަވެރި މިދެގައުމަށް، ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަން ޖެހިފައި މިވަނީ ވަރުގަދަ ހަނގުރާމައެކެވެ. އެމެރިކާއަށް ދެވަނަ ބުުރުން ޖާގަ ލިބެން އޮތް ހަމައެކަނި ގޮތަކީ އިރާން ބަލި ކުރުމެވެ. ކޮންމެ ނަތީޖާއަކުންވިޔަސް އިރާނުގެ މައްޗަށް ކުރި ހޯދިއްޖެނަމަ އެމެރިކާއަށް 5 ޕޮއިންޓް ލިބި ދެވަނަ ބުރުގެ ޖާގަ ޔަގީންވާނެއެވެ.

އިރާނަށް ބަލާއިރު ދެވަނަ ބުރުން ޖާގަ ހޯދުމަށް އިރާނަށްވެސް އޮތް އެންމެ މުޖައްރިބު ގޮތަކީ އެމެރިކާ ބަލި ކުރުމެވެ. އެއީ ގްރޫޕް ސްޓޭޖް ފަހު ދެމެޗް ކުޅޭނީ އެއްގަޑިއެއްގައި ކަމަށް ވުމުން އަނެއް މެޗުގެ ނަތީޖާއަށް ބަލަން ތިބެގެން ފަރުޖައްސާލެވެން ނޯންނާނެތީއެވެ.

އެމެރިކާ ބަލި ކުރެވިއްޖެނަމަ އިރާނަށް 6 ޕޮއިންޓް ލިބޭނެއެވެ. އޭރުން އިނގިރޭސިންނާއި ވޭލްސް ބައްދަލު ކުރާ މެޗުގެ ނަތީޖާއަށް ބަލަން ނުޖެހި އިރާނަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ.

އެމެރިކާ އާއި އިރާން ބައްދަލު ކުރާ މެޗް އެއްވަރުވެއްޖެނަމަ އިރާނަށް 4 ޕޮއިންޓް ލިބޭނެއެވެ. މިފަދަ ނަތީޖާއެއް ނިކުމެއްޖެނަމަ އެމެރިކާ ކަޓާނެވެ. ދެން ބަލަން ޖެހޭނީ ވޭލްސް އާއި އިނގިރޭސިން ބައްދަލުކުރި މެޗުގެ ނަތީޖާއަށެވެ. މިހާލަތުގައި އިރާން ކަޓާނީ، އިނގިރޭސިން އަތުން ވޭލްސް މޮޅުވެއްޖެ (6 ލަނޑަށްވުރެ ބޮޑު ނޫން ތަފާތަކުން) ނަމައެވެ. އޭރުން ވޭލްސް އާއި އިރާން އަދި އިނގިރޭސިން ޕޮއިންޓުގެ ގޮތުން އެއްވަރުވާނެއެވެ. ފައިދާ ލަނޑުގެ ތަފާތުން ދެވަނަ ބުރުން އޭރުން ފުރުސަތު ލިބޭނީ އިނގިރޭސިންނާއި ވޭލްސްއަށެވެ.

ގްރޫޕް ބީ ފަހު 2 މެޗް ކުޅޭ ތާރިހް އަދި ވަގުތު:

އެމެރިކާ - އިރާން (30 ނޮވެމްބަރ / 00:00)

އިންްލެންޑް - ވޭލްސް (30 ނޮވެމްބަރ / 00:00)