ވަރލްޑް ކަޕް ގްރޫޕް "ސީ" ގައި މިރޭ މަޝްހޫރު އާޖެންޓީނާއިން މަރުގެ މެޗަކަށް މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު، މެކްސިކޯގެ ރޭވުންތައް ރޭވުމަށް ހޫނު ގޮނޑީގައި އިން އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗް ޖެރާޑް މާޓިނޯއަށް މީޑިޔާގެ ނަޒަރު ހުއްޓިއްޖެއެވެ.

މަޓިނޯއަކީ އާޖެންޓީނާ ގައުމީ ޓީމުގަޔާއި ބާސެލޯނާގައި ލިއޮަނަލް މެސީއަށް އިރުޝާދު ދިން ކޯޗެކެވެ. މެސީގެ ބަލިފައިތަކާއި ނުރައްކާތެރި ކަންކަންވެސް އެންމެ ރަނގަޅަށް ފެނިފައި ހުންނާނެ އެއްކޯޗަކީ މާޓިނޯއެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން މާޓިނޯ ބުނީ އޭނާގެ އުފަން ގައުމަކީ އާޖެންޓީނާ ކަމުގައިވިޔަސް މެޗަށް ނުކުންނައިރު އެކަން ނޯންނާނެ ކަމަށެވެ.

"އަހަރެން އުފަންވީ ހޮސްޕިޓަލުގެ ނަމާއި އުޅެބޮޑުވި ސަރަހައްދާއި މިހުރިހާ ވާހަކައެއްވެސް ކިޔައި ދީފާނަން. އަހަންނަކީ އާޖެންޓީނާ މީހެއް. އެކަމަކު މިވަގުތު މެކްސިކޯއަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން. އެކަމާ ހިތާމައެއްވެސް ނުކުރާނަން" އާޖެންޓީނާ ބަލިކުރަން ތައްޔާރަށް ހުރި ކަމަށް ބުނަމުން މާޓިނޯ ބުންޏެވެ.

"އަހަރެމެން އެއްގޮތަކަށްވެސް ހިޔާލަށްވެސް އައި ސިނާރިއޯއެއް ނޫން މިހާރު މިގްރޫޕުގައި ފެންނަން މިއޮތީ. އާޖެންޓީނާ މިވަނީ ފުރަތަމަ މެޗުން ބަލިވެފައި. އަދި އަހަރެމެންނަށްވެސް މޮޅެއް ނުހޯދުނު. މުބާރާތުގައި ކުރިއަށް ދިޔުމަށް މިރޭ އާޖެންޓީނާ އަތުން ތިން ޕޮއިންޓް މުހިއްމު" މާޓިނޯ ބުންޏެވެ.

މެސީ ހުއްޓުވަން ހާއްސަ ޕްލޭނެއް އޮތްތޯ ނޫސްވެރިން ސުވާލު ކުރުމުން މާޓިނޯ ބުނީ ޕްލޭނެއް ހަދައިގެން މެސީ ހުއްޓުވޭނެކަން ގަބޫލް ނުކުރާ ކަމަށެވެ. "މެސީއަކީ މިދިޔަ 15 އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ (މެސީ) އަށް ގޯސް ދުވަހެއްގައި އޭނާ ހުއްޓުވިދާނެ. އަހަރެމެން އެދެނީ އެކަހަލަ ދުވަހަކަށް މިމެޗްވުން" މާޓިނޯ ބުންޏެވެ.

މާޓިނޯ،60، އާޖެންޓީނާ ގައުމީ ޓީމަށް އިރުޝާދު ދިނީ 2014 އިން 2016 އަށެވެ. އޭގެ ކުރިން 2013 ވަނަ އަހަރު އޭނާ މަސައްކަތް ކުރީ ބާސެލޯނާގައެވެ. މާނައަކީ މެދުނުކެނޑި ތިން އަހަރެއްހައި ދުވަހު މެސީއާ ކުޅުނީ މާޓިނޯގެ އިރުޝާދުގެ ދަށުން ކަމެވެ.

ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސައުދީ އަތުން 2-1 އިން އާޖެންޓީނާ ބަލިވެ ޕްރެޝަރަށް ވެއްޓުނީއެވެ. އެކަމަކު މިރޭ މެކްސިކޯ އަތުން މޮޅުވެއްޖެނަމަ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް އަލުން ލިބޭނެއެވެ. މެކްސިކޯއަށް ބަލާއިރު ފުރަތަމަ މެޗުގައި ޕޮލެންޑާ ވާދަކޮށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

އާޖެންޓީނާ އާއި މެކްސިކޯ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 0:00 ގައެވެ.