ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައި ގަތުމަށް ތައްޔާރުވެވަޑައި ގަންނަވަމުން ގެންދަވާ ޖޯ ބައިޑެން، އޭނާގެ ސަރުކާރުގެ ދިފާއީ ވަޒީރުކަމަށް ކަޅު ނަސްލުގެ ބޭފުޅެއް ކަމަށްވާ ލޮއިޑް އޮސްޓިން ކަނޑައަޅުއްވައިފިއެވެ.

ސެނޭޓުގެ އިސްޓަރވިއުއަށްފަހު މަގާމު ކަށަވަރު ވެއްޖެނަމަ ލޮއިޑް އޮސްޓިން ވެވަޑައި ގަންނަވާނީ އެމެރިކާގެ ތާރީޚްގައިވެސް ދިފާއީ ވަޒީރުކަން ކުރައްވާ އެފްރިކާ ނަސްލުގެ އެމެރިކާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއަށެވެ.

އުމުރުން މިހާރު 67 އަހަރުވެފައިވާ، 4 ތަރީގެ ކުރީގެ އަސްކަރީ ޖެނެރަލް ލޮއިޑް އޮސްޓިންއަކީ، 2003 ވަނަ އަހަރު އިރާގަށް އެރި އެމެރިކާގެ އަސްކަރީ ފައުޖުގެ އެންމެ އިސް ވެރިޔާވެސް މެއެވެ. އަދި އޭނާއަކީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔަކަށްވެސް ހުންނެވި ބޭފުޅެކެވެ.

އިރާގުގެ އިތުރުން، އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ކުރަމުންދާ ހަނގުރާމައިގައިވެސް ޖެނެރަލް ލޮއިޑް އޮސްޓިން އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ. އޭނާވަނީ 40 އަހަރު އަސްކަރިއްޔާއަށް ޚިދުމަތް ކުރައްވާފައެވެ.

އެމެރިކާގެ އައު ދިފާއީ ވަޒީރަށް ޖޯ ބައިޑެން އިސް ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ އެމެރިކާގެ ދިފާއީ ވަޒީރުގެ ކުރީގެ ނާއިބް މިޝެލް ފްލަނޯއިއެވެ.

އެހެންނަމަވެސް، ކަޅު ނަސްލުގެ ލޮއިޑް އޮސްޓިން ފަހުވަގުތު ބައިޑެން ކަނޑައެޅުއްވީ، އެމެރިކާގެ ބައިމަދު ނަސްލުތަކުގެ އިތުރު ބޭފުޅުން ކެބިނެޓަށް ނެގުމަށް ބައިޑެންއަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ކަމަށް އެމެރިކާގެ މީޑިއާއިން ބުނެފައި ވެއެވެ.

ޖޯ ބައިޑެން ދިފާއީ ވަޒީރަކަށް ލޮއިޑް އޮސްޓިން ކަނޑައަޅުއްވައިފިކަން، އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ހާމަކޮށްފައިވަނީ އެމެރިކާގެ ބޮޑެތި ނިއުސް ވިއުގަތަކުންނެވެ.

ދިފާއީ ވަޒީރަކަށް ބޭފުޅަކު ކަނޑައަޅުއްވައިފިކަން ބައިޑެންވަނީ ހޯމަދުވަހު ހާމަކުރައްވާފައެވެ. އަދި އެއީ ކޮން ބޭފުޅެއްކަން ހާމަކުރައްވާނީ އަންނަ ހުކުރު ދުވަހު ކަމަށްވެސް ބައިޑެން ވިދާޅުވެފައި ވެއެވެ.