ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާ އަތުން މޮޅިވިޔަސް އޭނާ އާއި ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށް ސައުދީ އަރަބިއްޔާގެ ކޯޗް ފްރާންސްގެ ހާވް ރެނާޑް ބުނެފިއެވެ.
ރެނާޑް މިހެން ބުނީ ގްރޫޕް ސްޓޭޖް ދެވަނަ މެޗުގައި މިއަދު ރާއްޖޭ ގަޑިން އިރުއޮއްސި 18:00 ގައި ޕޮލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.
"އާޖެންޓީނާ އަތުން އަހަރެމެން މޮޅިވިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވޭ. ފީފާ ރޭންކިންގ އާއި ވަރލްޑް ކަޕުގެ ތަޖުރިބާއަށް ބަލާއިރު އަހަރެމެންނަކީ މިގްރޫޕުގައި އޮތް އެންމެ ދަށް ޓީމު. އެކަން އަހަރެމެން ގަބޫލް ކޮށްގެން މިގްރޫޕުގެ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ނިކުންނާނީ" ރެނާޑް ބުންޏެވެ.
ޕޮލެންޑް އަތުން މިއަދު މޮޅުވެއްޖެނަމަ ސައުދީއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެއެވެ. އެންމެފަހުން ސައުދީއަށް ވަރލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދިފައި ވަނީ 1994 ގެ ވަރލްޑް ކަޕުގައެވެ. އެއީ ސައުދީ ވާދަކުރި ފުރަތަމަ ވަރލްޑް ކަޕެވެ.
އަނެއްކޮޅުން ޕޮލެންޑް ކޯޗް ސެޒްލޯ މިސިނިވީޒް ބުނީ އެންމެފަހުން މެކްސިކޯއާ ދެކޮޅަށް އޭނާގެ ކުޅުންތެރިންގެ ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މިމެޗްގައި ދައްކާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި އެމެޗުގައި ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ އަތުން ޕެނަލްޓީ ނާކާމިޔާބު ވެފައި ވީނަމަވެސް، އޭނާގެ އަތުން ޕެނަލްޓީ ޖެހުމުގެ ޒިއްމާ ނުނަގާނެ ކަމަށެވެ. ލެވަންޑޮސްކީއަށް ވަރލްޑް ކަޕުގެ ތާރިހުގައި އަދި މިހާތަނަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.