ޗައިނާއިން އަޅަމުންދާ ކޮވިޑް19ގެ ފިޔަވަޅުތަކުން ޗައިނާގައި އިންވެސްޓް ކުރާފަރާތްތަކުން ބިރު ހީވާކަމަށް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުނެއެވެ. އެނޫހުން ގަވެކަލް ރިސާޗުގެ ދިރާސާއަކާ ހަވާލާދީ ބުނެފައި ވަނީ "ޒީރޯ ކޯވިޑް" ސިޔާސަތުތަކާއި ޖިއޮޕޮލިޓިކަލް ކަންބޮޑުވުންތައް އިތުރު ވުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ޗައިނާ ދޫކޮށް އިންޑިއާ މަގްބޫލު މަންޒިލެއްކަމުގައި ބަލަމުންދާ ކަމަށެވެ.

އޭޝިއާގެ ސީނިއާ އެނަލިސްޓެއް އަދި ގަވެކަލްގެ ސީނިއާ އެޑިޓަރު ޓޮމް މިލާ ވިދާޅުވި ގޮތުގައި އިންޑިއާ އިން ބޮޑެތި އެހެން އިގްތިސާދުތަކަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެމުންދާތީ ނިމޭ މާލީ އަހަރު އިންޑިއާގެ އިގްތިސާދު 6.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރު ވެސް އިންޑިއާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 5 އާއި 6 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ހޯދަމުންދާނެއެވެ.

މިލާ ވިދާޅުވީ ޗައިނާއަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު އެކަމުން އިންޑިއާއަށް ބޮޑު ފައިދާއެއް ވެފައިވާ ކަމަށެވެ.

މިއަހަރު އިންވެސްޓްމެންޓް ލިބުމުގެ ނިސްބަތުން ޗައިނާ ފަހަތަށް ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާގައި އިންވެސްޓް ކުރެވޭ މިންވަރު މަދުވަމުންދާއިރު އެ ފައިސާގެ ބައެއް އިންޑިއާއިން ހޯދުމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށާއި އަދި އެކަމަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމުގައި އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 3.2 ޕަސންޓްގައެވެ. އަދި 2023 ވަނަ އަހަރު 4.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައިވެއެވެ.

އެއާ ޚިލާފަށް އައިއެމްއެފް އިން ބުނާ ގޮތުގައި އިންޑިއާ 2022 ވަނަ އަހަރު 6.8 ޕަސންޓް އަދި 2019 ވަނަ އަހަރު 6.1 ޕަސެންޓަށް ކުރިއަރާނެއެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަމާޒުކޮށްގެން ޗައިނާ ރައީސް ގެންގުޅުއްވާ ޒީރޯ ކޮވިޑް ގަވާއިދުތަކުން ޗައިނާގެ އިގްތިސާދަށް ގެއްލުން ލިބިފައި ވެއެވެ. އަދި ޝަންހާއީ ފަދަ ބޮޑެތި ސިޓީތައް ލޮކްޑައުންކޮށް، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް އެގައުމަށް ޒިޔާރަތް ކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކޮށްފައި ވެއެވެ.

މި މަހުގެ ކުރީކޮޅު ޗައިނާގެ އޮފިޝަލުން ވަނީ މި ފިނިމޫސުމްގައި އަދި ބަހާރު މޫސުމުގައި ކޯވިޑްގެ އިތުރު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ލަފާކޮށް އެގައުމުގެ ހަރުކަށި އެންޓި އެޕިޑެމިކް ސިޔާސަތުތަކަށް އަމަލު ކުރާނެ ކަމަށް ބުނެފައެވެ.