ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "ސީ" ގައި ސައުދީ އަރަބިއްޔާ 0-2 އިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމަށް ޕޮލެންޑުން ބޮޑު އިތުބާރެއް މިރޭ ހޯދައިފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޕޮލެންޑުން ލީޑް ނެގީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޕިއޮޓް ޒީލެންސްކީއެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަ ކުރުމަށް ސައުދީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޕޮލެންޑުގެ އޭރިޔާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ސައުދީގެ ފޯވާޑް އަލް ޝެހްރީއަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީ، ފޯވާޑް ސާލިމް އަލްދައުސަރީ ފޮނުވާލުމުން ޕޮލެންޑުގެ ކީޕަރު ސެޒްނީ ދިފާއު ކުރީއެވެ. ސެޒްނީ އަތުގައި ޖެހިފައި ނިކުތް ވަގުތު ސައުދީގެ އެހެން ކުޅުންތެރިޔަކު ގޯލަށް ބޯޅަ ފޮނުވާލުމުން އެބޯޅަވެސް ސެޒްނީ ދިފާރު ކުރީއެވެ.

ތާރިހަށް ބަލާއިރު، 1966 ގެ ފަހުން ޕޮލެންޑާ ދެކޮޅަށް ވަރލްޑް ކަޕް ތަކުގައި ވަނީ 5 ޕެނަލްޓީ ދީފައެވެ. މީގެ ތެރެއިން 3 ޕެނަލްޓީ ޕޮލެންޑް ކީޕަރުން ވަނީ ދިފާއު ކޮށްފައެވެ.

ދެވަނަ ހާފް ފަށައިގެން ސައުދީން ވަރަށް ބޮޑަށް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ. ޕޮލެންޑުން ކުޅުނު ވަރުގަދަ ފިޒިކަލް ގޭމާ ދެކޮޅަށް ސައުދީން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ސައުދީއަށް މިރޭ ކުރެވޭ ގޮތް ނުވީއެވެ.

މެޗް ނިމެން ދަނިކޮށް ޕޮލެންޑުން ލީޑް ފުޅާކުރީ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީއެވެ. މިއީ ލެވަންޑޮސްކީ ވަރލްޑް ކަޕުގެ ތާރިހުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިލަނޑަށްފަހު އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ކަރުނަ ހިލިގެން ދިޔައެވެ.

މިމެޗުން ޕޮލެންޑް މޮޅުވުމާއެކު، މިގްރޫޕުގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ އެގައުމެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ ސައުދީއެވެ. ސައުދީ-ޕޮލެންޑުގެ ނަތީޖާގެ ސަބަބުން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނީ މިރޭ މެކްސިކޯއާ ދެކޮޅަށް ނިކުންނަ މަޝްހޫރު އާޖެންޓީނާ އަށެވެ.

ފުރަތަމަ މެޗުން ސައުދީ އަތުން ބަލިވެފައިވާ އާޖެންޓީނާ މިރޭ މެކްސިކޯ އަތުން ބަލިވެއްޖެނަމަ މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. ގްރޫޕް ސްޓޭޖުން އާޖެންޓީނާ ކަޓައިފިނަމަ އެކަން ވެގެންދާނީ ވަރލްޑް ކަޕުގެ ތާރިހުގައިވެސް ނިކުތް އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަށެވެ.

މީގެ ކުރިން 2002 ވަނަ އަހަރު، ކޮރެއާ- ޖަޕާން ގައި ބޭއްވި ވަރލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އާޖެންޓީނާ ކެޓުން ވެގެންދިޔައީވެސް މުބާރާތުގައި މިހާތަނަށް ނިކުމެފައިވާ އެންމެ ހައިރާން ކުރުވަނިވި އެއްނަތީޖާއަށެވެ.