ގޮތްނޭނގޭ ބައްޔެއް ޖެހިގެން ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ބަލި ހޯދުމަށް އިންޑިއާގެ ކަމާބެހޭ ޓީމުތަކުން މަސައްކަތް ކުރަމުންދާއިރު، ބައެއް ބަލިމީހުންގެ ލޭގެ ސާމްޕަލް ނަގައި ޓެސްޓުތައް ހެދިއިރު، ލެޑާއި ނިކެލްގެ މާއްދާތައް ފެނިފައިވާ ކަމަށް ހާމަކޮށްފިއެވެ.

ގޮތްނޭނގޭ ބަލިމަޑުކަން ދިމާވެގެން އުޅޭނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގައެވެ.

މި ބަލިމަޑުކަމުގައި މިހާތަނަށް އެކަކު މަރުވެ، 4،00 އަށްވުރެ ގިނަމީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވާއިރު، އޯލް-އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއާއި، އެނޫންވެސް ދިމަދިމާއިން މެޑިކަލް ޑޮކްޓަރުންގެ ޓީމުތަކުން ގެންދަނީ ބަލީގެ އަސްލު ދެނެގަތުމަށް ޓެސްޓުތައް ހަދައި ތަހްގީގުތައް ކުރަމުންނެވެ.

އަންދްރަ ޕްރަދޭޝްގެ ސަރުކާރުން އަންގާރަ ދުވަހު ބުނެފައިވަނީ، ބަލިޖެހިފައިވާ މީހުންގެ ލޭގެ ސާމްޕަލްނަގައި އޯލް-އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޑޮކްޓަރުން ހެދި ޓެސްޓުތަކުން، ލެޑާއި ނިކެލްގެ އަސަރު ފެނިފައިވާ ކަމަށެވެ.

އަންދްރް ޕްރަދޭޝްގެ އިތުރު ހޮސްޕިޓަލަކުންވެސް މީހުންގެ ލޭގެ ސާމްޕަލް ނަގައި ޓެސްޓުތައް ހަދަމުން އެބަގެންދެއެވެ.

ލޭގައި ހިމެނޭ ލެޑްގެ މިންވަރު ގިނަވުމަކީ ސިކުނޑި ހެދިބޮޑުވުމަށް އަސަރުކޮށް، ނާރުގެ މައްސަލަތައް ކުރިމަތިވެ އަދި ހަށިގަނޑުގެ ނާޒުކު ގުނަވަންތައް ކަމަށްވާ ހިތާއި މެޔަށްވެސް ގެއްލުން ލިބޭނޭ ކަމެއްކަމަށް ވެއެވެ.

ގޮތްނޭނގޭ ބަލިމަޑުކަން ދިމާވެފައިވަނީ ގިނައިން ކުޑަކުދިންނަށެވެ. އެގޮތުން، މޫނުމައްޗަށް އަނދިރިވުމާއި، އަނބުރައިގަނެގެން ވެއްޓުމާއި، ބޮލުގައި ރިއްސައި ހޮޑުލުންފަދަ ކަންކަންވެސް ދަނީ ދިމާވަމުންނެވެ.

މިކަން ދިމާވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި އެންމެންވެސް ކޮވިޑަށް ނެގަޓިވްކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ލޭގެ ސާމްޕަލްތަކުން ލެޑާއި ނިކެލްގެ އަސަރު ފެނިފައިވުމުން، މިއީ އޯގަނޮކްލޮރިންގެ ސަބަބުން ދިމާވެގެންއުޅޭ ކަމެއް ކަމަށް، ސިއްހީ ފަރާތްތަކުން ޝައްކުރެއެވެ. ނަމަވެސް، އެކަން ކަށަވަރުކުރަން ގެންދަނީ ޓެސްޓުތައް ހަދަމުންނެވެ.

އޯގަނޮކްލޮރިންއަކީ ކެންސަރު ޖެހުމާއި، ސިއްހީ އެހެންވެސް ރިސްކުތައް ބޮޑު މާއްދާއެއް ކަމަށްވާތީ ދުނިޔޭގެ އެތައް ގައުމެއްގައި އޯގަނޮކްލޮރިން ބޭނުންކުރުން މަނައެވެ. ބައެއް ގައުމުތަކުގައި އެ މާއްދާ ބޭނުން ކުރުން އޮންނަނީ ލިމިޓް ކޮށްފައެވެ.

އިންޑިއާގައި އޯގަނޮކްލޮރިން ބޭނުންކުރަނީ ކިހާ މިންވަރަކަށް ކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެއެވެ. އެހެން ނަމަވެސް، މަދިރި މަރަންޖަހާ ބޭހުގައި އެ މާއްދާ އެކުލެވޭކަމަށް ވެއެވެ.