ވަރލްޑް ކަޕް ގްރޫޕް "ޑީ" ގައި ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭގެ ދެލަނޑުން ޑެންމާކް 1-2 އިން ބަލިކޮށް ފްރާންސުން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިނަތީޖާއާއެކު ފްރާންސް ވެފައި ވަނީ މިފަހަރުގެ ވަރލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ގައުމަށެވެ.

މެޗުގައި ފެނިގެންދިޔަ 3 ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި އެމްބައްޕޭ ކާމިޔާބުކޮށް ފްރާންސަށް ލީޑް ނަގައިދީފައި ވަނިކޮށް ޑެންމާކުގެ އެންދްރެސް ކްރިސްޓެންސެން އެއްވަރުކުރީ 68 ވަނަ މިނެޓުގައެވެ. ޑެންމާކުން އެއްވަރު ކުރިތާ ބަރާބަރު ދިހަ މިނެޓް ފަހުން އަނެއްކާވެސް އެމްބައްޕޭ ލަނޑެއް ޖަހައި ފްރާންސް ކޮޅަށް ނަތީޖާ އަނބުރާލިއެވެ. މިއީ އޭރިޔާގެ ބޭރުން އެންޓޯނިއޯ ގްރީޒްމަން ނަގައިދިން ހުރަހެއް ކަކުލުން ޖަހައި ގޯލަށް ވައްދާލައިގެން އެމްބައްޕޭ ކާމިޔާބު ކުރި ލަނޑެކެވެ.

މިމެޗުގައި އެމްބައްޕޭ،22، ކާމިޔާބު ކުރި ދެލަނޑާއެކު ވަރލްޑް ކަޕުގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު ހަތަކަށް އެރީއެވެ. ވަރލްޑް ކަޕް ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 16 ލަނޑު ޖަހައިގެން ޖަރުމަނުގެ ކުރީގެ ފޯވާޑް މިރްސްލާވް ކްލޯސާ އަތުގައެވެ. އެމްބައްޕޭ އަދި އިތުރު 3 ވަރލްޑް ކަޕް ކުޅޭނެކަމަށް ބެލެވޭއިރު ހުނަރާއި އުމުރަށް ބަލާއިރު ކްލޯސާގެ ރެކޯޑް މުގުރާލާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔަކީ އެމްބައްޕޭއެވެ.

މިރޭ ފްރާންސް އަތުން ޑެންމާކް ބަލިވިނަމަވެސް ދެވަނަ ބުރުގެ ދޮރު ޑެންމާކަށް މުޅިން ނުގެއްލެއެވެ. ފަހު މެޗުގައި އޮސްޓްރޭލިޔާ އަތުން މޮޅެއް ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ޑެންމާކަށް އެބައޮތެވެ.

އޮސްޓްރޭލިޔާ ވަނީ މިރޭ ޓިއުނީޝިޔާގެ މައްޗަށް 1-0 އިން ކުރި ހޯދައި މުހިއްމު ތިން ޕޮއިންޓް ހޯދާފައެވެ. ޓިއުނީޝިޔާ މިރޭ ބަލިވިނަމަވެސް އެޓީމަށްވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ ފްރާންސް ބަލިކޮށްގެންނެވެ.