ސްޕަރ ސްޓަރ ލިއޮނަލް މެސީ އާއި އަރަމުން އަންނަ ތަރި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުން 2-0 އިން މެކްސިކޯ ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު ފަނޑުވިޔަނުދީ އާޖެންޓީނާއިން މިރޭ ދަމަހައްޓައިފިއެވެ.

ވަރަށް ބޮޑަށް ލަނޑަކަށް ބޭނުން ވެފައި ވަނިކޮށް އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބު ކުރީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އޭރިޔާގެ ބޭރުން ތިރިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މެސީ ލަނޑުޖެހުމަށްފަހު.. ފޮޓޯ:- ގެޓީ އިމޭޖަސް

މިއީ ވަރލްޑް ކަޕުގެ ތާރިހުގައި މެސީ ކާމިޔާބު ކުރި 8 ވަނަ ލަނޑެވެ. މީގެ ދެއަހަރު ކުރިން މަރުވި އާޖެންޓީނާގެ އެންމެ މަޝްހޫރު ފުޓްބޯޅަ ޝަޙްސިއްޔަތު ޑިއޭގޯ މަރަޑޯނާވެސް ވަރލްޑް ކަޕުގައި ކާމިޔާބު ކޮށްފައި ވަނީ 8 ލަނޑެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ މެސީ ވަރލްޑް ކަޕުގައި ކުޅުނު 21 ވަނަ މެޗެވެ. މަރަޑޯނާވެސް ވަރލްޑް ކަޕުގައި ކުޅެފައި ވަނީ 21 މެޗެވެ.

އާޖެންޓީނާއިން ލީޑް ނެގުމާއެކު ނަތީޖާ ހަމަހަމަ ކުރުމަށް ހަމަލާތައް މެކްސިކޯއިން އުފައްދަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މެކްސިކޯގެ ހަމަލާތައް ދިފާއު ކުރުމުގައި އާޖެންޓީނާ ފަހަތުން އޮޓަމެންޑީ އާއި ލިސަންދްރޯ މާޓިނޭޒް އަދި ކްރިސްޓިއަން ރޮމެރޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އާޖެންޓީނާއިން ދެވަނަ ލަނޑު ޖެހީ 87 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް،21، އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް އެންޒޯ މިލަނޑު ޖެހީ މެކްސިކޯގެ އޭރިޔާތެރެއަށް ވަދެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މަތިމަތިން ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ އެންޒޯ، އާޖެންޓީނާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

އެންޒޯ ފޮނުވާލި ބޯޅަ ގޯލަށް ވަންނަނީ. ފޮޓޯ: ގެޓީ އިމޭޖަސް

މިގްރޫޕުގެ އެެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. ދެވަނައިގައި އާޖެންޓީނާ 3 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ސައުދީ އަރަބިއްޔާވެސް އޮތީ 3 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި އެއްޕޮއިންޓާއެކު އޮތީ މެކްސިކޯއެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުގައި އާޖެންޓީނާ ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. މެކްސިކޯ ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ.