ހުޅަނގުގެ ހައްދަފަހަނަ އެޅި ގައުމުތަކުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް ބޭނުންކުރާ "ނަޖިސް ބޭންޑް" މިފަހަރުގެ ވަރލްޑް ކަޕުގައި ބޭނުން ކުރުން މަނާ ކުރުމާއި ގުޅިގެން މުބާރާތް ފެށުނީއްސުރެ ބޮޑާ ހާކައިގެން ތިބި ޖަރުމަނު ގައުމީ ޓީމުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ކޯޗް އެކަނި ފޮނުވައި ފީފާގެ ގަވައިދާ ހިލާފްވެއްޖެއެވެ.
ފިފާގެ ގަވައިދު ބުނާ ގޮތުން މެޗް ކުޅުމުގެ އެއްދުވަސް ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ޓީމުގެ ކޯޗާއި ކުޅުންތެރިޔަކު ހާޒިރުވާންވާނެއެވެ. ގަވައިދާ ހިލާފްވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން އެގައުމެއް ޖޫރިމަނާ ކުރާނެއެވެ.
ޖަރުމަނުން ކޯޗް ހަންސީ ފްލިކް އެކަނި ފޮނުވީ މިރޭ ދަންވަރު ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމަށެވެ. ސްޕެއިން ފުރަތަމަ މެޗުން މޮޅުވެފައި އޮތުމާއި ފުރަތަމަ މެޗުގައި ޖަޕާން އަތުން ޖަރުމަނު ބަލިވެފައި އޮތުމުން މިމެޗުން ކޮންމެހެންވެސް ޖަރުމަނަށް ތިން ޕޮއިންޓް މުހިއްމެވެ. އަނެއްކޮޅުން މިއަދު ކޮސްޓަރިކާ އަތުން ޖަޕާން މޮޅުވެފައި މިރޭ ސްޕެއިން އަތުން ޖަރުމަނު ބަލިވެއްޖެނަމަ ޖަރުމަނު ގްރޫޕް ސްޓޭޖުން ކަޓާނެއެވެ.
ނޫސްވެރިންްގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ ނޫސްވެރިންްގެ ބައްދަލުވުމަށް އޭނާ އައީ 105 ކިލޯ މީޓަރު ދުރުން ދަތުރުކޮށްފައި ކަމަށާއި މުޅި ދަތުރަށް 3 ގަޑިއިރު ހޭދަވާ ކަމާއި މިހާ ދިގު ދަތުރެއްގައި ކުޅުންތެރިޔަކު ބައިވެރި ކުރަން ބޭނުން ނުވީ ކަމަށެވެ. "ސްކޮޑުގައި ތިބި 26 ކުޅުންތެރިންވެސް މުހިއްމު. ކުޅުންތެރިޔަކު ނުލައި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔުމަށް ނިންމި ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް" ފްލިކް ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުން، ޖަރުމަނުން ޓްރެއިންހަދާ އަލް ޝަމާލް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުމަށްވެސް ޖަރުމަނުން ފީފާގައި އެދުނެވެ. އެކަމަކު ފީފާއިން އެކަމަށް އިޖާބަ ނުދިނީއެވެ.
ޖަރުމަނުން ފުޓްބޯޅައަށްވުރެ ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ކަންކަމަށް މިފަހަރު ސަމާލުކަންދޭތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ޖަރުމަނު ގައުމީ ޓީމަށް އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ޖަރުމަނާއި ސްޕެއިން ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 0:00 ގައެވެ.