އިންޑިއާއިން ޖީ20ގެ ރިއާސަތާ ހަވާލުމުވުމުން އިސްކަން ދޭނެ ދާއިރާތަކާ ބެހޭ ގޮތުން އިންޑިއާއިން ޑިޕްލޮމޭޓުންނަށް މައުލޫމާތު ދީފިއެވެ. ޖީ20 ގެ މެމްބަރުންގެ އިސް ޑިޕްލޮމެޓުންނަށް އިންޑިއާގެ ޖީ20 ގެ ރިޔާސަތުގައި އިސްކަންދޭ ކަންކަމުގެ މައުލޫމާތު ދީފައި ވަނީ އަންޑަމަން ނިކޯބާރގައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ބާއްވާ ޖީ20 ސަމިޓަށް ދައުވަތު ދޭ ޖީ20 ގެ މެމްބަރުންނާއި މެހެމާނުންގެ ގޮތުގައި ދައުވަތުދޭ ނުވަ ގައުމެއްގެ މިޝަންތަކުގެ އިސްވެރިންނާއި އިސް ޑިޕްލޮމެޓުންނަށް މައުލޫމާތު ދިނުން ހިމެނެއެވެ.
ޑިޕްލޮމޭޓުންނާއި މިޝަންތަކުގެ ވެރިން ފްލައިޓުގައި ހުކުރު ދުވަހު ގެންގޮސްފައި ވަނީ ކުރިން ހެވެލޮކް އައިލެންޑްގެ ނަމުން މަޝްހޫރު މިހާރު ސްވަރާޖް ދުވީޕްގެ ނަން ދީފައިވާ ރިސޯޓަށެވެ.
ޑިޕްލޮމޭޓުންނަށް ދީފައިވާ މައުލޫމާތުގައި އާންމު ފައިދާއަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި، މޫސުމީ މައްސަލަތަކުގައި ފިޔަވަޅު އެޅުމާއި މޫސުމީ މައްސަލަތައް ހައްލު ކުރުމަށް ފައިސާ ހޯދުމާއި ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރުމާއި އަދި ދެމެހެއްޓެނިވި، އަގުހެޔޮ ގޮތެއްގައި އެންމެން ބައިވެރިވާ ފެހި ހަކަތައަށް ބަދަލުވުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުރިއެރުން އަވަސްކުރުމާއި، ތަރައްގީގެ މަސައްކަތުގައި އަންހެނުންނަށް އިސްކަން ދިނުމާއި މަލްޓިލޭޓަރަލް ޖަމާއަތްތައް އިސްލާޙު ކުރުމާއި ބެހޭ ގޮތުން އިންޑިއާއިން ގެންގުޅޭ ވިސްނުން، އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.
ބާލީގައި ބޭއްވި ސަމިޓުގައި އިންޑޮނޭޝިއާ އިން ވަނީ ރަސްމީކޮށް ޖީ20 ގެ ރިއާސަތު އިންޑިއާއާ ހަވާލުކޮށްފައެވެ.
އިންޑިއާގެ ރިޔާސީ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އިންޑިއާގެ ރިޔާސީ ދައުރުގައި އިންތިޒާމް ކުރާނެ އެކި ހަރަކާތްތަކާ ބެހޭ މައުލޫމާތު ދެއްވީ އިންޑިއާގެ ޖީ20 ގެ ޝެރްޕާ އަމީތާބް ކާންޓް އާއި ޖީ20 ގެ ޗީފް ކޯޑިނޭޓަރު ހަރްޝް ވަރްދާން ޝްރިންގްލާއެވެ.
ކުރީގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ މުޅި އިންޑިއާގައި ޖީ20 ގެ ބައްދަލުވުންތައް ބާއްވާނެ އިންތިޒާމްތަކާ ބެހޭ ގޮތުން މަންދޫބުންނަށް މައުލޫމާތު ދެއްވާފަ އެވެ.