އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ހޮނިހިރު ދުވަހު ކާމިޔާބުކަމާއެކު ބޫޓާންގެ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފިއެވެ. އިންޑިއާގެ ބޮޑު ވަޒީރާއި ޚާރިޖީ ވަޒީރު ވަނީ މުނާސަބާގައި ބޫޓާނަށް މަރުޙަބާ ވިދާޅުވެ ދެގައުމުގެ ގުޅުމަށް ތައުރީފު ކުރައްވާފައެވެ.
44.4 މީޓަރު އުސްމިނުގެ މި ރޮކެޓް އުދުހިފައި ވަނީ ހަމަޖެހިފައިވާ ގަޑީގައި ހެނދުނު 11.56 ހާއިރު ސްރީހަރީކޯޓާގެ ސަތިޝް ދާވަން ސްޕޭސް ސެންޓަރުންނެވެ.
ބޫޓާނަށް ޑިޕްލޮމެޓިކް ސެޓެލައިޓް އާއި ނޭނޯ ސެޓެލައިޓް-2 އާއި އަމިއްލަ ހަތް ސެޓެލައިޓު އެ ރޮކެޓްގައި އުފުލާފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ ޕިކްސަލް ސްޕޭސް އަދި ޑުރުވާ ސްޕޭސް އިން ފޮނުވި 3 ސެޓެލައިޓްވެސް ހިމެނެއެވެ.
ބޫޓާންގެ ސެޓެލައިޓް ފޮނުވާލުމުގެ މުނާސަބާގައި އެގައުމުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ކަރްމާ ޑޮނޭން ވަންގްޑީއާއެކު މަތީ ފެންވަރުގެ ވަފުދެއް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ބޫޓާންގެ ނޫސްވެރިންގެ ގްރޫޕެއްވެސް އެކަމުގައި ބައިވެރިވިއެވެ.
މި ސެޓެލައިޓްތަކާއެކު އިންޑިއާއިން ވަނީ ކަނޑިގެ ދިރާސާތައް ކުރުމަށްވެސް ޚާއްސަ ސެޓެލައިޓެއް ފޮނުވާފައެވެ. އޯޝަންސެޓް-3 އަކީ އިންޑިއާގެ ކަނޑުގެ ދިރާސާތަކަށް ފަރުމާކޮށް ތަރައްގީކޮށްފައިވާ ސެޓެލައިޓެކެވެ. އެއީ އޯޝަނޮގްރަފީ އާއި ޖައްވުގެ ދިރާސާތަކަށް ޚާއްސަކޮށްގެން އިސްރޯއިން ފޮނުވަމުންދާ ސިލްސިލާ ސެޓެލައިޓްތަކުގެ ބައެކެވެ.
އިސްރޯއިން މި ސެޓެލައިޓް ލޯންޗުކުރީ އޯޝަންސެޓް-2ގެ ހިދުމަތްތަކުގައި ކޮންޓިނިއުޓީ ފޯރުކޮށްދިނުމަށާއި، ޕޭލޯޑް ސްޕެސިފިކޭޝަންތައް އިތުރުކުރުމުގެ އިތުރުން އެޕްލިކޭޝަން ދާއިރާތަކުގައި ވެސް ކޮންޓިނިއުޓީ ފޯރުކޮށްދިނުމަށެވެ.