ވޯލްޑް ކަޕްގައި ގިނަ ބަޔަކު މާސްކާ ނުލައި ގައި ގޯޅިވެ އުޅޭ މަންޒަރު ފެނުމާއެކު ޗައިނާގައި އަދިވެސް ކޮވިޑްގެ ހަރުކަށި ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާތީ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޗައިނާގެ ޝަންހާއީގައި ހަރުކަށި ކޯވިޑް-19 އާ ގުޅޭ ސިޔާސަތާއި ދެކޮޅަށް މުޒާހަރާތައްވެސް ކޮށްފައެވެ.

ކޯވިޑް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އަޅާފައިވާ ހުރަސްތަކާ ދެކޮޅަށް މީހުން ޝުއޫރު ފާޅުކުރާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އާންމުން މި ފިޔަވަޅުތަކަށް ނުރުހުން ފާޅުކުރަން ފެށީ ޝިންޖިއާންގެ ވެރިރަށް އުރުމުކީގައި ބިލްޑިންއެއްގައި އަލިފާން ރޯވެގެން ދިހަ މީހަކު މަރުވުމާ ގުޅިގެންނެވެ. އެމީހުންނަށް އިމާރާތުން ބޭރުވެގެން ސަލާމަތުގެ އައްސޭރިއަށް ނުދެވުނީ އެ އިމާރާތުގެ ބޭރުގައި ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ތަޅު އަޅުވާފައި ހުރުމުންނެވެ.

ޝަންހާއީގައި މުޒާހަރާތައް ފެށި މީހުން ވަނީ މުޅި ޗައިނާގައި ކޮވިޑް-19 ހުއްޓުވުމަށް ލުއިތަކެއް ދިނުމަށް ގޮވާލައިފައެވެ.

ޑީޑަބްލިއު ނިއުސްގެ އީސްޓް އޭޝިއާގެ ކޮރެސްޕޮންޑެންޓް ވިލިއަމް ޔަންގް ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައިވާ ގޮތުން ޝިންޖިއާންގައި މީހުން ވަނީ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށާއި ޝީޖިން ޕިންގެ އިސްތިއުފާއަށް ގޮވާފައެވެ.