ޝަންހާއީގައި މިހާރު ހިނހަމުންދާ މުޒާހަރާއެއް ކަވަރު ކުރަމުން ދިޔަ ބީބީސީގެ ނޫސްވެރިންގެ ތެރެއިން އެކަކަށް ހަމަލާދީ ހައްޔަރުކޮށްފިއެވެ. ބީބީސީން ބުނެފައި ވަނީ ނޫސްވެރިޔާ އެޑް ލޯރެންސްއާ މެދު ޗައިނާ ފުލުހުން ކަން ކުރިގޮތުން ބީބީސީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ފަހުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް އެތައް ގަޑިއިރެއް ވަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓި ކަމަށް ވެއެވެ. އަދި އޭނާގެ ގައިގައި ކޮޅުފައިން ތަޅައި އަނިޔާކޮށްފައިވާ ކަމަށްވެސް ބީބީއިން ބުނެއެވެ. ލޯރެންސަކީ ޗައިނާގައި އެކްރެޑިޓް ކޮށްފައިވާ ބީބީސީގެ ނޫސްވެރިއެކެވެ.
ބެއިޖިންގައި ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ ބީބީސީގެ ބަޔާނުގައި ކަން ހިނގި ގޮތް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރިއެވެ. އަދި ލޯރެންސް ފުލުހުންނަށް އޭނާގެ ފާސްދައްކާފައި ނުވާކަމަށް ލީޖިއަން ވިދާޅުވިއެވެ.
ޗައިނާގައި ތިބޭ ބިދޭސީ ރިޕޯޓަރުން އިވެންޓްތައް ކަވަރު ކުރާއިރު ސަރުކާރުން ދޫކޮށްފައިވާ އެކްރެޑިޓޭޝަން ކާޑު ގެންގުޅެން ޖެހެއެވެ.
ޗައިނާގެ އެންމެ ހުޅަނގު ޝިންޖިއާންގެ އުރުމުކީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އުފެދިފައިވާ މުޒާހަރާތައް ބެއިޖިންގއާއި ޝެންހާއީއަށްވެސް ވަނީ ފެތުރިފައެވެ.