އުރުގުއޭ ބަލި ކުރެވޭނެ ފެންވަރު ޕޯޗުގަލް ސްކޮޑުގައި އެބަހުރި ކަމަށާއި ކުޅޭނީ ފުރިހަމަ މޮޅެއް ހޯދުމަށް ކަމަށް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗް ފެނާންޑޯ ސަންތޯސް ބުނެފިއެވެ.

ސަންތޯސް މިހެން ބުނީ މހާރު ގަތަރުގައި ކުރިއަށްދާ ވަރލްޑް ކަޕް ގްރޫޕް "އެޗް" ގައި މިރޭ ރާއްޖޭ ގަޑިން 21:00 ގައި އުރުގުއޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ސަންތޯސް ބުނީ މީގެ ހަތަރު ކުރިން އުރުގުއޭއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ޓީމާއި ބަލާއިރު މިހާރު އުރުގުއޭގައި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި އޮތް ޓީމެއް ކަަމަށެވެ. "އަހަރެންގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު އެބައޮތް. އުރުގުއޭ ބަލިކުރެވޭނެ ފެންވަރު މިޓީމުގައި އެބަހުރި. އެކަމަކު އެކަން ކުރެވޭނީ މުޅި މެޗަށް އަހަރެމެން ސަމާލުކަންދީގެން" ސަންތޯސް ބުންޏެވެ.

މިމެޗުގައި ޕޯޗުގަލްގެ ފޯވާޑް ލައިން ބަލަހައްޓާނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުރުގުއޭގެ ފޯވާޑް ލައިނުގެ ކުރީ ސަފުގައި ހުންނާނީ މަޝްހޫރު ލުއިޒް ސްއަރޭޒްއެވެ. މިދެކުޅުންތެރިންނަކީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ސެންޓަރ ފޯވާޑަކަށް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ދެކުޅުންތެރިންނެވެ.

ޕޯޗުގަލްގެ ކޯޗް ސަންތޯސް. ފޮޓޯ: ގެޓީ އިމޭޖަސް

ނޫސްވެރިންްގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ޕޯޗުގަލްގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ ވަނީ އުރުގުއޭގެ މިޑްފީލްޑަރު ފެޑްރީކޯ ވަލްވާޑޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ސިލްވާ ބުނީ ވަލްވާޑޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއްމިޑްފީލްޑަރު ކަމަށެވެ. "އޭނާ (ވަލްވާޑޭ) އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއްމިޑްފީލްޑަރު. ބޯޅަޔާއެކު އަދި ބޯޅަޔާ ނުލައިވެސް އޭނާ ދަނޑުމަތީގައި ދައްކާ ތޫނުފިލިކަން ވަރަށް ހާއްސަ" ސިލްވާ ބުންޏެވެ.

ފުރަތަމަ މެޗުގައި ގާނާ އަތުން 3-2 އިން ޕޯޗުގަލް މޮޅުވެފައިވާއިރު ފުރަތަމަ މެޗުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅެ އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މިރޭ ޕޯޗުގަލް މޮޅުވެއްޖެނަމަ އެގައުމަށް ދެވަނަ ބުރުގެ ޖާގަ ޔަގީންވާނެއެވެ. އުރުގުއޭ މިރޭ މޮޅުވެއްޖަނަމަ ގްރޫޕުގެ އެންމެ ފަހު މެޗަށްދާއިިރު ގްރޫޕުގައި ހިމެނޭ ހަތަރު ގައުމަށްވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެެއެވެ.