ކެނެޑާގެ ފުށުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އިންޑޯ-ޕެސިފިކް ސްޓްރެޓެޖީ އެގައުމުން ތައާރަފް ކޮށްފިއެވެ. އިންޑޯޕެސިފިކްގައި އަސްކަރީ އަދި ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކެނެޑާއިން 1.7 ބިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ބުނެފައި ވެއެވެ.

ކެނެޑާއިން އިއުލާން ކޮށްފައިވާ 26 ޞަފްޙާގެ ޑޮކިއުމެންޓްގައި ތަފްސީލުކޮށްފައިވާ މި ޕްލޭންގައި ބުނެފައިވަނީ ފިކުރީ މުދާ ހިމާޔަތްކުރުމަށާއި ޗައިނާގެ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ކެނެޑާގެ މައުދަންތައް ނެގުން މަދުކުރުމަށް ކެނެޑާއިން ބޭރުގެ އިންވެސްޓްމަންޓްގެ އުސޫލުތައް ހަރުކަށިކުރާނެ ކަމަށެވެ.

ކެނެޑާއިން މަސައްކަތް ކުރަނީ އިގްތިސާދީ ހަރަކާތްތަކުގައި ގާތްގަނޑަކަށް 50 ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ހިމެނޭ 40 ގައުމެއް ހިމެނޭ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑޯ ޕެސިފިކް ސަރަހައްދާ ގުޅުން ބަދަހި ކުރާށެވެ.

ކެނެޑާގެ ވެންކޫވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަތަރު ކެބިނެޓް މިނިސްޓަރަކު ވަނީ އާ ޕްލޭންގެ ތަފްސީލު ދެއްވާފައެވެ. އެބޭފުޅުން ވިދާޅުވީ އައު ސްޓްރެޓެޖީއަކީ ކެނެޑާގެ ގައުމީ ސަލާމަތާއި މޫސުމާ ބެހޭ ސިޔާސަތަށްވެސް މުހިންމު ސްޓްރެޓެޖީއެއް ކަމަށެވެ.

ބެއިޖިންގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ކެނެޑާގެ އާ ސްޓްރެޓެޖީއަކީ "ފިކުރީ ގޮތުން އެކަހެރިވެގެން، ޗައިނާގެ ނުރައްކާ ކަމަށް ބުނެ ކަންކަން މާބޮޑަށް ބޮޑުކޮށް، ޗައިނާއާ ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތަކާއި ހަމަލާތަކެއް" ހިމަނާފައިވާ ޑޮކިއުމެންޓެއް ކަމަށެވެ.

ތަރުޖަމާނު ޒާއޯ ލިޖިއަން އިތުރަށް ވިދާޅުވީ ޗައިނާއިން ކެނެޑާގެ މި ވާހަކަތަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެކަމާ ދެކޮޅު ހަދައި، ޗައިނާއިން އިހުތިޖާޖު ކޮށްފައިވާނެ ކަމަށެވެ.

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ލިބަރަލް ސަރުކާރުން ބޭނުންވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ސިންދަފާތު ކުރާށެވެ. ސެޕްޓެމްބަރު މަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއާއެކު ކެނެޑާއިން ކޮށްފައިވާ ވިޔަފާރި 7 ޕަސެންޓަށް ވުރެން ދަށްވެފައި ވެއެވެ. އަދި އެމެރިކާއާއެކު ކޮށްފައިވާ ވިޔަފާރި 68 ޕަސެންޓަށް އަރާފައި ވެއެވެ.

ކެނެޑާގެ ސްޓްރެޓެޖީ ޑޮކިއުމެންޓްގައި ފާހަގަކޮށްފައިވަނީ ކެނެޑާގެ އެކްސްޕޯޓަރުންނަށް މުހިންމު ފުރުސަތުތަކެއް ލިބޭ ޗައިނާގައި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ސިއްހަތާއި ނިއުކްލިއާ ޕްރޮލިފަރޭޝަން ފަދަ މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދާ އެކު އެއްބާރުލުން ދޭން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.