ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ގައުމަށް ކުރިމަތިވެދާނެ ހަލަބޮލިކަމުގެ ބިރަށް ވެރިރަށް އިސްލާމްއާބާދަށް ކުރާ ދިގު ހިނގާލުން ކެންސަލްކުރައްވާފައެވެ. ޚާން ވަނީ ޕާކިސްތާންގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ކުރާ މަސައްކަތުގައި ސްޓޭޓް އެސެމްބްލީތަކުގެ ގޮނޑިތަކުން އޭނާގެ ޕާޓީގެ މެމްބަރުންނަށް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ.
ޚާން ވިދާޅުވީ އިސްލާމްއާބާދަށް ނުދާން ނިންމީ ބޮޑު ގެއްލުމެއް ވާނެކަން އެނގޭތީ ކަމަށެވެ. މީގެ ކުރިން އޭނާ އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވެސް ވެއެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި ޚާން އެގޮތަށް ނިންމެވީ ޕާކިސްތާނަށް އިގްތިސާދީ ބަނަކަމެއް ކުރިމަތިވެފައިވާތީއެވެ. ދެކުނު އޭޝިއާގެ ގައުމަށް ކުރިމަތިވެފައި ވަނީ އިގްތިސާދީ ގޮތުން ގޯސް ދުވަސްވަރެކެވެ. ރުޕީސްގެ އަގު ދަނީ ވެއްޓެމުންނެވެ. އަދި ބޭރުގެ ދަރަނިތައް ދައްކައި ގައުމު ޑިފޯލްޓް ނުކުރުމަށްޓަކައި އޮގަސްޓް މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ލޯނެއް ވެސް ހޯދަން ޖެހުނެވެ.
އޭޕްރީލް މަހު އިތުބާރު ނެތްކަމުގެ ވޯޓެއްގައި ބޮޑުވަޒީރުކަމުން އިމްރާން ޚާން ވަކިކުރި ފަހުން އަވަސް އިންތިޚާބަކަށް އެދިވަޑައިގެން ސަރުކާރަށް މަޖުބޫރު ކުރުމަށް މުޅި ގައުމުގައި އޭނާ ގެންދަވަނީ މުޒާހަރާތައް ބާއްވަމުންނެވެ.
އޭނާ މަގާމުން ވަކިކުރީ އެމެރިކާ އިސްވެ އޮވެ ހިންގި ރޭވުމެއްގެ ތެރެއިން ކަމަށް ވެސް އިމްރާން ޚާން ވިދާޅުވެއެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު އޭނާ ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމުގެ ފަހަތުގައި އެމެރިކާ ގެ އަތެއް ނެތް ކަމަށެވެ.