ތާލިބާނުން ވެރިކަމަށް އައިއިރު އަންހެނުންގެ ހައްގުތަކާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވައުދުވި އެވެ. އެކަމަކު އަފްޣާނިސްތާނުގެ އާ ވެރިން ވަނީ އެމީހުންގެ ވައުދުތަކާ ޚިލާފް ވެފައެވެ.

އަންހެނުންގެ ތައުލީމަށް ހުރަސްއަޅައި، އަންހެނުންނަށް ހެދުން އެޅުމުގެ އައު އުސޫލުތައް ތައާރަފްކޮށް، އަންހެން ކުދިންގެ ސްކޫލްތައް ބަންދުކޮށްފައި ވެއެވެ.

އެކްޓިވިސްޓް ޝަމާއިލް ނަސޭރީ ގެންދަނީ މަސްތަކެއް ވަންދެން ތާލިބާނުންނަށް ފިލަން މަސައްކަތް ކުރަމުންނެވެ. އޭނާ ދަނީ އެއް ގެއިން އަނެއް ގެއަށް ބަދަލުވަމުންނެވެ. އޭނާގެ ކުށަކީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައި ފަހުން ބާލީ ކޮށްފައިވާ އަފްޣާން އަންހެނުން ހިމާޔަތް ކުރުމަށް އަޑު އުފުލުމަށް މަސައްކަތް ކުރުމެވެ.

“ތާލިބާނުން އަހަރެން ހައްޔަރު ކުރަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި. އަހަރެން ފިލައިގެން އުޅެ ފޯނު ނިއްވާލީ. އަދި އެމީހުންނަށް އަހަރެން ހޯދައި ނުގަނެވުނު” ވެރިރަށް ކާބުލްގެ ގޮތް ނޭނގޭ ތަނަކުން ފޯނުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ނަސީރީ ބުންޏެވެ.

ތާލިބާނުން އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާތައް އުވާލައިފައި ވެއެވެ. އެއަށް ފަހު، ނަސީރީ ވަނީ އެހެން އަންހެން އެކްޓިވިސްޓުންނާއެކު ނިކަމެތި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހީވާގިކަމާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

އޭނާގެ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވި ނަމަވެސް، ނަސީރީ އޭނާގެ މިޝަންގައި ފަސްޖެހިފައި ނުވެއެވެ. އަފްޣާނިސްތާނުގެ އެހެން އެކްޓިވިސްޓުންނާ ހިލާފަށް އޭނާގެ ފުރިހަމަ ނަން އާންމުކޮށް ހިއްސާކުރަން އޭނާ ފަސް ނުޖެހެއެވެ.

އޭނާ ބުނަނީ އިންޒާރަށް ބެލުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

އަފްޣާނިސްތާނުގައި އަންހެނުން އިސްނަގައިގެން މަގުމަތީގައި ހިންގާ މުޒާހަރާތަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވެއެވެ.

އަންހެން އެކްޓިވިސްޓުން ދަނީ ފަސްމަންޒަރުގައި ބާކީވެފައިވާ އަންހެނުންނަށް ސަޕޯޓް ނެޓްވޯކްތައް ބިނާކޮށް، ގްރާސްރޫޓް ޖަމިއްޔާތައް އުފައްދައި، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތައް ޑޮކިއުމެންޓްކޮށް އެކި ހިސާބުތަކުގައި އަންހެނުންނަށް ރައްކާތެރި ޖާގަތައް ހުޅުވާލުމުންނެވެ.

އަންހެނުންނަށް ވަކާލާތުކުރާ މީހުން އަފްޣާނިސްތާނުގައި ސިއްރިއްޔާތުގައު އިންތިޒާމުކުރުމުގައި މަޑުމަޑުން ކުރިއެރުންތަކެއް ހޯދަމުން ދިޔަ ނަމަވެސް، ހުރިހައި ހިސާބެއްގައި އުޅޭ އަންހެނުންނަށް އަދިވެސް އެހީ ދެވޭ ގޮތެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ލޯކަލް އެންޖީއޯއެއްގެ ކާބުލްގައި ހުންނަ ކޯޑިނޭޓަރު ދުނިޔާ ވިދާޅުވާ ގޮތިގައި މި ވަގުތު އަންހެނުންނަށް ހިތްވަރު ދޭނެ ފަރާތެއް ބޭނުންވެފައި ވެއެވެ. އަދި އެކަން ކުރާ މީހުން ދަނީ ބިޑު ރިސްކެއް ނަގައިގެން ކަމަށް ވިދާޅުވިއެވެ.

ތާލިބާނުން އަފްޣާނިސްތާން ވެރިކަމާ ހަވާލުވުމުން އަންހެނުންގެ ވަޒީފާ އަދާ ކުރާ ނިސްބަތް 28 ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި އިންސާނީ ހައްގުތަކާ ބެހޭ އެހެން ޖަމިއްޔާތަކުން ބުނެ އެވެ.

ދުނިޔާގެ ޖަމިއްޔާއިން ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި އަފްޣާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން 20 ޕްރޮވިންސެއްގައި ގްރާސްރޫޓް ނެޓްވޯކުތައް ގާއިމްކޮށް، ޑިމޮކްރެޓިކް އަގުތަކާއި އަންހެނުންގެ ހައްގުތަކާއި ޖިންސީ އަނިޔާތަކަށް ހައްލު ހޯދުމަށް އެހީތެރިވެ ދީފައެވެ.