ވަރލްޑް ކަޕް ގްރޫޕް "ޖީ" ގައި މިރޭ ސްވިޓްޒަލޭންޑް ކޮޅަށް 83 ވަނަ މިނެޓުގައި ކެސެމީރޯ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން މޮޅުވެ ބްރެޒިލް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިމޮޅާއެކު ބްރެޒިލަށް ވަނީ ހާއްސަ ރެކޯޑެއްވެސް ލިބިފައެވެ. އެއީ ވަރލްޑް ކަޕުގެ ތާރިހުގައި ގްރޫޕް ސްޓޭޖް މެޗަކުން ބަލިނުވެ 17 މެޗް ހަމަކުރި ފުރަތަމަ ގައުމުގެ ޝަރަފެވެ. މިރޭގެ މޮޅަކީ ވަރލްޑް ކަޕުގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ބްރެޒިލް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއް ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ.

މިރޭގެ މެޗް ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެކަމަކު މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ބްރެޒިލުން ވަނީ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވިނީޝިއަސްއަށެވެ. އެކަމަކު އޭނާ ފޮނުވާލީ ހަމަލާ ސްވިޓްޒަލޭންޑުގެ ކީޕަރު ސޮމާ ދިފާއު ކުރީއެވެ.

ދެވަނަ ހާފް ފަށައިގެން ބްރެޒިލުން ހަމަލާތައް އުފައްދަމުން ގޮސް ސްވިޓްޒަލޭންޑުގެ ގޯލު ފުރަތަމަ ފޫއަޅުވާލީ 64 ވަނަ މިނެޓުގައި ކެސެމީރޯގެ ޕާހަކުން ވިނީޝިއަސްއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު، އޮފްސައިޑް ކަމަށެވެ.

އަނިޔާގެ ސަބަބުން މަޝްހޫރު ތަރި ނޭމާ ނުލައި ކުޅުނު ބްރެޒިލުން ވަނީ 13 ހަމަލާ ސްވިޓްޒަލޭންޑުގެ ގޯލަށް ފޮނުވާލާފައެވެ. މީގެ ތެރެއިން ގޯލަށް އަމާޒުވީ 5 ހަމަލާއެވެ. ސްވިޓްޒަލޭންޑުން 6 ހަމަލާ އުފެއްދިއިރު ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ބްރެޒިލާއެކު މިގްރޫޕުން ދެވަނަ ބުރަށް ދާނެ ގައުމެއް ކަށަވަރު ވާނީ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި ސާބިޔާ އާއި ސްވިޓްޒަލޭންޑް އަދި ބްރެޒިލް އާއި ކެމަރޫން ބައްދަލު ކުރާ މެޗަށްފަހުއެވެ.

ޕޮއިންޓް ތާވަލް: