ސޯޝަލް މީޑިއާގައި އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ޕޯސްޓްތަކުގައި އީރާންގެ ދިދައިން ﷲގެ ޢިސްމަފުޅު އުނިކޮށް ޕޯސްޓް ކުރެވުނީތީ އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު މައާފަށް އެދިއްޖެއެވެ.

އެމެރިކާއިން އިރާނުގެ ދިދައިން ﷲގެ އިސްމުފުޅު އުނިކޮށް، ސޯޝިއަލް މީޑިޔާގައި ޕޯސްޓް ކޮށްފައި ވަނީ އިއްޔެއެވެ. ޕޯސްޓް ޖަހާފައި ވަނީ ވަރލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މިއަދު އެމެރިކާ އާއި އިރާން ބައްދަލު ކުރާ މެޗް ޕްރޮމޯޓް ކުރުމަށެވެ.

ﷲގެ އިސްމުފުޅު ދިދައިން އުނިކޮށް އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ޕޯސްޓް ކުރުމާއި ގުޅިގެން އިރާނުން ވަނީ ވަރަށް ބޮޑަށް އެކަން ކުއްވެރިކޮށް، އެމެރިކާ ވަރލްޑް ކަޕުން ބޭރު ކުރުމަށް ފީފާގައި އެދިފައެވެ. އިރާނުން ބުނެފައި ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމެރިކާއިން އެކަން ކުރީ ގަސްދުގައި އިރާން ރުޅިއެރުވުމުގެ މަގްސަދުގައި ކަމަށެވެ.

ދުނިޔޭގެ ސިޔާސީ/އަސްކަރީ މަޝްރަހުގައި ވާދަވެރިކަން ބޮޑު މިދެގައުމު މިރޭ މަރުގެ މެޗެއްގައި ބައްދަލު ކުރުމުގެ ކުރިން ދަނޑު ބޭރުން މަޝްރަހް ގޯސްވެފައި ވުމަކީ މިރޭގެ މެޗް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމެކެވެ.

އިރާނާއި އެމެރިކާ ވަނީ 1998 ގެ ވަރލްޑް ކަޕުގައިވެސް ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައެވެ. އެފަހަރު 1-0 އިން ތާރިހީ މެޗް ކާމިޔާބު ކުރީ އިރާނެވެ.

އެމެރިކާ އަތުން ޕޮއިންޓެއް ހޯދައިގެންވެސް އިރާނަށް ދެވަނަ ބުރަށް ދެވޭނެއެވެ. އެކަމަކު އެމެރިކާއަށް ދެވަނަ ބުރުގެ ފުރުސަތު ލިބެން އޮތީ އެމެރިކާ ބަލި ކޮށްގެންނެވެ.

މިމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 0:00 ގައެވެ.