ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ކަރަންޓު އަގުތަކާބެހޭ ގާނޫނޫން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސާލިހު ގެންގުޅުއްވާ ހަމަހަމަ އުސޫލު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރގެ ނާއިބު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު ވިދާޅުވީ އޭގެ ސަބަބުން ތަފާތު ކުރުމެއްނެތި އެއްހަމައެއްގައި ކަރަންޓު ޚިދުމަތް އެންމެނަށް ލިބޭނޭކަން ކަށަވަރުވެގެން ހިނގައްޖެ ކަމަށެވެ. އެއީ ވެރިއަކު ރައްޔިތުންނަށް ހަމަހަމަ އުސޫލުން ކަންކޮށްދެއްވާނޭ ކަން ހާމަކޮށްދެއްވި ދިނުމުގެ ލާމަސީލު މިސާލެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ރައްޔިތުންގެ ރައީސެއް ކަމަށެވެ. ރައްޔިތުންގެ ރައީސެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ޝަރުތެއް ރައީސް ސާލިހުގެ އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ފާސްކޮށްފައިވާ ޓެކްސް ބޮޑުކުރުމުގެ ގާނޫނާ ބެހޭގޮތުން ސައުދު ވިދާޅުވެފައިވަނީއޭގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރީންނާއި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނޭ ކަމަށެވެ. އެ ގާނޫނާއެކީ ޓެކްސްގެ ދެ ޕަސެންޓު ބޮޑުކޮށްފައިވިޔަސް އޭގެ ޑަބަލް ފައިދާ ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސައުދު ވަނީ ރައީސަށް ވެސް ތައުރީފް ކުރައްވައިފައެވެ. "ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ރައީސެއް. އިއްޔެ ފާސްކުރި ގާނޫނާއެކީ ރާއްޖެތެރޭ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބި ބޮޑުވި 2% ޓެކްސް ގެ ޑަބަލް ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ،" އޭނާ ވިދާޅުވެފައިވެއެވެ.