އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅައި، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް އެމްއާރުއެމުން ބުނެފިއެވެ. އެ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީީ އުންމީދީ ބަޖެޓަކަށްވިޔަސް ދިވެހި ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހުރިކަން ފާހަގަ ކުރާކަމަށެވެ.
އެޕާޓީން ބުނެފައިވަނީ ސަޕްލިމަންޓަރީ ބަޖެޓަކީ ވަކިން ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރަންޖެހޭ ބަޖެޓެއްކަމަށް ޤާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެނަމަވެސް ފާއިތުވި އަހަރުތަކުގަ އާއި އަދި މަޖީލިހަށް 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓް ހިމަނާފައިވާކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.
މިގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ސަޕްލިމަންޓްރީ ބަޖެޓް ދުރާލާ ކުރިން ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެެއެވެ. މިގޮތަށް ވީހާވެސް އަވަހަކަށް ކަންކަން މަޖިލީހަށް ހުށަހަޅައިގެން އެކަން ފާސްވެގެންދިއުމަކީ ބެސްޓް ޕްރެކްޓިސްކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ފާހަގަކުރައްވާފައިވާ ކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ. ހަމަ އެހެންމެ، ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާއި އަދި ރިވައިސް ކޮށްގެން ފާސްކުރާ ބަޖެޓާއި، އަހަރު ނިމޭއިރު ކޮށްފައި ހުންނަ ޚަރަދުތަކާ ދިމާނުވާކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން 2010، 2011 ،2013 ،2016 އަދި 2020 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާކަމަށް ވެސް އެމްއާރުއެމްއިން ބުނެފައިވެއެވެ. މިގޮތުން، 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުގެ ރިކަރަންޓު ޚަރަދު ހުރިގޮތަށް ބަލާކަމުގައިވާނަމަ، ބަޖެޓުކުރި މިންވަރާއި އަސްލު ކުރެވޭ ހޭދައިގެ ތަފާތު އެވްރެޖުކޮށް 4.2 ބިލިއަން ރުފިޔާ ހުރިކަމަށް އެޕާޓީން އަންދާޒާ ކޮށްފައިވެއެވެ.
މިހެން މިކަންކަން އޮތް އިރު، މިއަހަރު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި، 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، އެ ޚަރަދުތަކުގެ އެކަށީގެންވާ މިންވަރަށް ތަފްސީލު ދެއްވައިފާ ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 2023 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ ލިބުމަށް ހުރަސްތަކެއް ހުރިކަމަށް އެމްއެމްއޭ އަދި އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެތެރެއިން 1.5 ބިލިއަން ނުވަތަ 100 މިލިއަން ޑޮލަރަކީ އޭގެ ވަކި ސޯސްއެއް އައިޑެންޓިފައި ކޮށްފައި ނެތްކަމާއި، އަދި އެއީ ކޮން ގޮތަކުން ލިބޭނެ އެއްޗެއްކަން ބަޔާންކޮށްފައި ބަޖެޓު ފޮތުގައި ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވީނަމަވެސް، އެމްއެމްއޭ އިން ފާހަގަ ކޮށްފައިވާ ގޮތަށް ފާއިތުވި 6 އަހަރުވެސް ލިބިފައިވަނީ އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއަހަރުވެސް، 7.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްކުރެވުނު އިރު، ލިބޭނެކަމަށް އަންދާޒާ ކުރެވެނީ 4.9 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓު ކުރި ވަރަށް ވުރެ %35 ދަށް އަދަދެކެވެ. އެހެންކަމުން، 2023 އަށް އަންދާޒާ ކުރި އަދަދު ހޯދޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ އިތުރަށް ކޮން މަސައްކަތެއް ކޮށްގެންތޯ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމަށް އެމްއާރުއެމުން ބުނެފައިވެެއެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުތަކާ ތަފާތުކޮށް ކުރުމަށް ރާވާފައި ހުރި ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރުން މިއަދު ކުރަންޖެހޭ ކަމެއްކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. މި ފައިސާ އެހީގެ ގޮތުގައި ނުލިބިއްޖެ ނަމަ، ޚަރަދު ފޫބެއްދުމަށްޓަކައި ފައިސާ ހޯދޭނެ ގޮތަކީ ޑޮމެސްޓިކް މާކެޓުން ލޯނުގެ ގޮތުގައި ފާއިސާ ހޯދުން ކަމަށާއި މިހާރުވެސް ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭންކުން 2 ބިލިއަން ރުފިޔާ ޗާޕު ކުރުމުން، ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އެތައް ގުނައެއް ވަނީ ބޮޑު ވެގެން ގޮސްފައި ކަމަށް އެމްއާއާރުއެމުން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިން ދެކޮޅުޖެއްސުން ވެސް ވަނީ ތަކުލީފަކަށް ވެފައެވެ. ހަމަ އެހެންމެ، މާލީ އިދާރާތަކުން ލަފާ ދެއްވާފައިވާ ގޮތަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއްކަމުގައި އެޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުޑަކުރުމަށް އިސްކަމެއް ދެއްވާފައިނުވާކަމާއި، އެޕާޓީން ދެކެނީ ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ޓާރގެޓް ސަބްސިޑީސްއަށް ބަދަލުކޮށް، ޓާރގެޓް ސަބްސިޑީސް ދޭނެ ގޮތެއް ރޭވުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު މަސައްކަތެއްކަމުގައި ބުނެފައިވެެެއެވެ. ނިކަމެތިންނާ އެއް ހަމަޔަކުން މުއްސަދިންނަށް ސަބްސިޑީ ލިބޭގޮތަށް އޮންނަ އުސޫލު މުރާޖާ ކޮށް ހައްޤުވެރިންނަށް ސަބްސިޑީ ލިބޭނޭ ގޮތް ހެދުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.